އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކަންތައްތައް ކުރިއަށްގެންދާގޮތާބެހޭ 5 މައްސަލައެއް ބަލަމުން އަންނަކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއއްސަސާތަކާބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި، ކޮވިޑް 19 އާގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތަކާ ގުޅިގެން އޭސީސީގެ މަސައްކަތް ބައްޓަންވެފައިވާ ގޮތާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްްވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ، އެކަމާގުޅިގެން އާއްމުންގެ ފަރާތުން ދެ ޝަކުވާއެއް ހުށަހަޅާފައިވާއިރު، ކޮމިޓީގެ މެންބަރުންނަށް ފާހަގަވެގެން ތިން މައްސަލައެއް ބަަލަމުން އަންނަ ކަަމަށެވެ.
ޝިއުނާ ވިދާޅުވީ، ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ގެންނަން ނިންމާފައިވާ، ވެންޓިލޭޓަރުތައް ގަތުމަށް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަަމަށް ބުނާ މައްސަލައާއި، ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ތަކެތި ގަތުމާއި ހިދުމަތްދިނުމަށް ޕްރޮކިއުމެންޓްގެ އުސޫލާ ހިލާފަށް ކަންތައްތަކެއް ކުރަމުންގެންދާ މައްސަލަ ހިމެނެއެވެ. އަދި މިހާލަތުގައި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން މޯލްޑިވިއަނުން ރާއްޖެ ގެނައުމުގައި، އިސްކަންދޭ ފަރާތްތައް ކަނޑައަޅާއިރު ދައުލަތުގެ އިސްވެރިންގެ ނުފޫޒު ބޭނުންކޮށްގެން އެފަދަ ފަރާތްތަކުގެ އާއިލާތަކާއި ރައްޓެހިންނާއި ގުޅުން އޮންނަ ފަރާތްތައް ގެންނަ ކަމަށް ބުނާ މައްސަލަ ހިމެނޭ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ
ޝިއުނާ ވިދާޅުވީ މި ތިން މައްސަލަވެސް ބަލަނީ ވަކިވަކި މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. ނަަމަވެސް އާއްމު ފަރާތްތަކުން ހުށަހަޅައިގެން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް ޝިއުނާ ވިދާޅެއް ނުވެއެވެ.
ޝިއުނާ ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން ވެންޓިލޭޓަރާބެގޭ ހުރިހާ ޑޮކިއުމެންޓްތަކެއް ލިބިފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ މައްސަަލައިގައި އެދިފައިވާ އެއްވެސް ޑޮކިއުމެންޓެއް އަދި ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ އެ މައްސަަލަތައް ބެލުމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި، ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެ މައްސަަލަތައް ލަސްވަނީ ލޮކްޑައުންގެ މިހާލަތުގައި އޮފީސްތައް ބަދުކޮށްފައިވާތީ، އެކަމަށް ބޭނުންވާ ޑޮކިއުމެންޓްތައް ހޯދުމަށާއި، ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލުކުރަން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.
ވެންޓިލޭޓަރު ގެންނަން ބަޔަކާ ހަވާލުކޮށްފައިވާ މައްސަލައިގައި، ކޮރަޕްޝަން ހިމެނޭތޯ، ބައެއް މެންބަރުން ތަކުރާރުކޮށް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ، އެއީ ބަލަމުން އަންނަ މައްސަލައަކަށް ވާތީ، އެކަމުގައި ކޮރަޕްޝަން އެބައޮތް ކަމަށް އަދި ދެންނެވެން ނެތް ކަމަށެވެ. އަދި ޕްރޮކިއުމެންޓް ކަންތަކުގައިވެސް ތަހުގީގު ކުރިއަށްދާތީ ވަކިކަމެއް ނުކުރަން ނުވަތަ ވަކިކަމެއް ރަނގަޅުކުރަން އަދި ދެންނެވެން ނެތް ކަމަަށެވެ.
ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރުމުގައި، ކޮރަޕްޝަނެއް ނެތްކަމަށް އޭސީސީން ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާ މައްސަލައިގައި މެންބަރުން ސުވާލު ކުރެއްވުުން، ކޮމިޝަންގެ ރައީސާ ވިދާޅުވީ، އެއީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އެވެސް އިރެއްގައި އެއްވެސް ތަނަކަށް އެ މައްސަލައާ ގުޅިގެން އެގޮތަށް މައުލޫމާތު ދީފައި ނުވާނެ ކަމަށެވެ.