ކުއްލި ޚަބަރު

ކޮވިޑު ޖެހި އަލާމާތެއް ނުފެނި އަމިއްލައަށް ރަނގަޅުވެފައިވާ ގިނަ ބަޔަކުވެސް ރާއްޖޭގައި އުޅުމުގެ ފުރުސަތު އެބައޮތް

ކޮވިޑު ޖެހި އަލާމާތެއް ނުފެނި އަމިއްލައަށް ރަނގަޅުވެފައިވާ ގިނަ ބަޔަކުވެސް ރާއްޖޭގައި އުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އަލާމާތެއް ނެފެންނަ މީހުން ފަރުވާއަކާ ނުލައި ބަލިން ރަނގަޅުވެފައިވާ މީހުން ތިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އޭ ސިމްޓަމެޓިކްކޮށް ބަލި ޖެހޭ މީހުން އެހެން ހުރެ ބަލީގެ މުއްދަތު ދާއިރުވެސް ސިމްޓަމްސް ނުފެނި، އެއްވެސް އަލާމާތެއް ނުފެނި ރަނގަޅުވާ މީހުން ވެސް އޭގެ ތެރޭގައި ތިބޭނެ. އިތުރަށް ބަލި ޖެހި ރަނގަޅުވެފައިވާ ބަޔަކު ވެސް ރާއްޖޭގައި އުޅުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަލާމާތެއް ނެތުމުގެ ސަބަބުން ދެނެގަތުމުގެ ފުރުސަތު އަދި އެމީހަކު އަމިއްލައަށް އެންގުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށާއި އެހެންކަމުން ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އޭ ސިމްޓަމެޓިކް ޕޭޝަންޓުންގެ ނިސްބަތް އެހާ މަތިކޮށް ހުންނަ އިރު، އަލާމާތެއް ނެތިއްޔާ އަޅުގަނޑުމެންގެ ސިސްޓަމަކުން ވެސް ކެޕްޗާއެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ. އޭނާ އަމިއްލައަށް އެންގުމުގެ ފުރުސަތެއް ނޯންނާނެ. އެހެންވީމާ އެކަށީގެންވާ އަޅުގަނޑުމެންނަށް ނޭނގޭ ފޯކަސްތަކެއް މިގޮތަށް ހުރެގެން މިހާރު މި ފެންނަ އަދަދަށް ވުރެ ގިނަ ބަޔަކަށް ބަލި ޖެހިފައި ހުރުން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 527 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.