ސާދަ ދުވަސް ފަހުން ޓެސްޓު ހެދުމުން ވެސް ޕޮޒިޓިވް މީހުން ރާއްޖޭގައި އެބަތިބި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އަލާމާތްތައް ދަށްވުމުން 14 ދުވަހަށް ފަހު ޓެސްޓު ހެދި މީހުންގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ޓެސްޓެއް ހެދުން އެއީ އޭނާ ރަނގަޅުވުމުގެ އިންޑިކޭޓާއަކަށް ނުވާ ސަބަބަކީ ނުވަތަ އަޅުގަނޑުމެން އެވާހަކަ ނުދައްކާ ކަމަކީ އަޅުގަނޑަށް މިހާރުވެސް އެނގޭ ބައެއް ބޭފުޅުން 14 ދުވަސް ހަމަވުމަށްފަހުގައި ސިމްޕްޓަމްސް ދަށްވުމުން ޓެސްޓު ހެއްދެވި ބޭފުޅުން، އެބޭފުޅުން ނަތީޖާ އަދިވެސް ޕޮޒިޓިވްކޮށް ހުންނަން ހުރި ބޭފުޅުން. މާބޮޑު އިންޑިކޭޓާއަކަށް ނުވާނެ ނެގަޓިވް ރިސަލްޓް ނުލިބެނީހެއް،" އޭނާ ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ފަރާތެއް ދާދި ފަހުން ހެދި ޓެސްޓުތަކުން ވަނީ ބައްޔަށް ނެގަޓިވްވެފައެވެ. ނަމަވެސް އޭނާ އަދި ހޮސްޕިޓަލުން ދޫކޮށްލައިފައެއް ނުވެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދިން އެމީހާ ނެގަޓިވްވުމުން މިހާރު ވަނީ ޑީއެޗް 12އަށް ބަދަލުކޮށްފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ 88 އަހަރުގެ މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.