ކޮވިޑު ޖެހިފައި ތިބި އެކަމަކު އަލާމާތް ނުފެންނަ ގިނަ ބަޔަކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އަލާމާތެއް ނެތުމުގެ ސަބަބުން ދެނެގަތުމުގެ ފުރުސަތު އަދި އެމީހަކު އަމިއްލައަށް އެންގުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށާއި އެހެންކަމުން ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އޭ ސިމްޓަމެޓިކް ޕޭޝަންޓުންގެ ނިސްބަތް އެހާ މަތިކޮށް ހުންނަ އިރު، އަލާމާތެއް ނެތިއްޔާ އަޅުގަނޑުމެންގެ ސިސްޓަމަކުން ވެސް ކެޕްޗާއެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ. އޭނާ އަމިއްލައަށް އެންގުމުގެ ފުރުސަތެއް ނޯންނާނެ. އެހެންވީމާ އެކަށީގެންވާ އަޅުގަނޑުމެންނަށް ނޭނގޭ ފޯކަސްތަކެއް މިގޮތަށް ހުރެގެން މިހާރު މި ފެންނަ އަދަދަށް ވުރެ ގިނަ ބަޔަކަށް ބަލި ޖެހިފައި ހުރުން،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އަލާމާތެއް ނެތް މީހުން ބަލީގެ މުއްދަތު ފަހަނައަޅައިދިއުމަށްފަހު އެއްވެސް އަލާމާތެއް ނުފެނި ރަނގަޅުވާ މީހުން ވެސް ތިބޭނެ ކަމަށާއި އިތުރަށް ބަލި ޖެހި ރަނގަޅުވެފައިވާ ބަޔަކު ވެސް ރާއްޖޭގައި އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 527 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.