އަލީ ޔާމިން
ރާއްޖޭން ކޮވިޑު ޖެހުނު މީހުންގެ އާންމު އަލާމާތްތަކަކީ ކަރުގައި ރިއްސުން، ހުން އައުން އަދި ހިކި ކެއްސުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން ބަލި ޖެހިފައިވާ ގިނަ މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އެހެން މީހުންގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް ކުދި އަލާމާތްތަކެއް ކަމަށެވެ. އެގޮތުން އާންމުކޮށް ފެންނަނީ ހިކި ކެއްސުމާއި، ހުން އައުންފަދަ އަލާމާތްތަަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"އާންމުކޮށް ފެންނަ އަލާމާތްތަކަކީ ހިކިކޮށް ހުންނަ ކެއްސުމަކާއި ހުން އައުމާއި، މީގެ އިތުރުން ކަރުގައި ރިހުން. މީ އަޅުގަނޑުމެންނަށް އާންމުކޮށް ފެންނަ އަލާމާތްތައް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ 50 އިންސައްތައަކީ ބަންގްލަދޭޝްގެ މީހުން ކަމަށާއި ބަލި ޖެހޭ މީހުންގެ 35 އިންސައްތައަކީ ދިވެހިން ކަމަށެވެ. އަދި ރާއްޖެއިން ބަލި ޖެހިފައިވާ ގިނަ މީހުންނަކީ 20 އަހަރާއި 40 އަހަރުގެ މީހުންކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 85 އިންސައްތަ މީހުންނަކީ ފިރިހެނުން ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 527 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކަކު ވަނީ އެބަލީގައި މަރުވެފައެވެ.