އަލީ ޔާމިން
ކޮވިޑު ޖެހުނު އުމުރުން ދުވަސްވީ ދިވެއްސެއްގެ ހާލު ދެރަވެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަނީ އުމުރުން 88 އަހަރުގެ މީހަކަށް ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެއީ ކޮވިޑްގައި ރާއްޖެއިން މަރުވި 83 އަހަރުގެ މީހާގެ ފިރިމީހާއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، ދަރުމަވަންތާގައި ގާއިމުކޮށްފައިވާ އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 88 އަހަރުގެ ދިވެހި ފިރިހެން މީހާއަށް މިއަދު ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށީ ހާލަތު ގޯސްވަމުންދާތީ ކަމަށެވެ. އެގޮތުން ލޭގެ ޕްރެޝަރު ދަށްވުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމީހާ ވެންޓިލޭޓަރަށް ލާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
"ވެންޓިލޭޓަރަށް ލީ ފަހުން އޮކްސިޖެން ދޭން ޖެހޭ ވަރަކަށް އޮކްސިޖެން އިތުރުކުރާކަށް ނުޖެހޭ. ދެން ހަށިގަނޑުގެ ލޭގެ ޕްރެޝަރު ހިފަހައްޓާވަރު ތަންކޮޅެއް ދަށްވުމުން އެކަމަށް ބޭސް ދެމުން ދަނީ. ވެންޓިލޭޓަރަށް ލީއިރާއި މިހާރާ ބަލާއިރު ހާލަތު އިތުރަށް ގޯސްވެގެނެއް ނުދޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ވެންޓިލޭޓަރަށް ލުމަކީ ނޭވާލާ ހޮޅީގެ ތެރެއަށް އިތުރު ހޮޅިއެއް ލެއްވުމަށް ފަހު މެޝިނަކަށް ގުޅުމެވެ.
ޑރ. އަލީ ވިދާޅުވީ، ކޮވިޑް 19 ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުން ނޭވާލާން އުނދަގޫވެ ނޭވާލާ ހޮޅިތަކުގެ ވަށައިގެން ފެން އުފެދި ކޮންމެވެސް ވަރަކަށް ނޭވާލުމުގެ އުނދަގޫތަކެއް އަންނާނެ ކަމަށެވެ. އެ ހާލަތުގައި ހަށިގަނޑުގެ ތެރެއަށް އޮކްސިޖެން ވަންނަ ވަރު މަދުވާ ކަމަށްވެސް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް 19އަށް ފަސް މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 80 އަހަރުގެ ދިވެހި ފިރިހެނަކާއި، 68 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުުރުން 70 އަހަރުގެ ދިވެހި އަންހެނަކާއި، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ 88 އަހަރުގެ ދިވެހި މީހާގެ އިތުރުން ޕާކިސްތާނު މީހެކެވެ. އެމީހުންގެ ތެރެއިން 80 އަހަރުގެ މީހާއަށް އަންނަނީ އޮކްސިޖަން ދެމުންނެވެ. ދެން ތިބި މީހުންގެ ހާލަތު ސްޓޭބަލް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.