އަލީ ޔާމިން
ރާއްޖޭން ކޮވިޑު ޖެހުނު މީހުންގެ 50 ޕަސެންޓަކީ ބަންގްލަދޭޝް މީހުން ކަމަށާއި ދިވެހީން ހިއްސާކުރަނީ 35 ޕަސެންޓް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންނަކީ ފިރިހެނުން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ 50 އިންސައްތައަކީ ބަންގްލަދޭޝްގެ މީހުން ކަމަށާއި ބަލި ޖެހޭ މީހުންގެ 35 އިންސައްތައަކީ ދިވެހިން ކަމަށެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ބަންގްލަދޭޝްގެ އަދަދު އެ އިންނަނީ ގާތްގަނޑަކަށް އަޅުގަނޑުމެންގެ މި ފެނުނު ހުރިހާ ކޭސްތަކެއްގެ 50 ޕަސަންޓާ ގާތްކުރާ އަދަދަކަށް. ދެން އެންމެ ބޮޑަށް މި ފެންނަނީ ދިވެހިން. އެއީ 34 ނުވަތަ 35 ޕަސަންޓް ރައުންޑް އޮފް ކޮށްލަފިނަމަ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން ބަލި ޖެހިފައިވާ ގިނަ މީހުންނަކީ 20 އަހަރާއި 40 އަހަރުގެ މީހުން ކަމަށާއި، އަލާމާތެއް ނުފެނި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ގިނަ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 527 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކަކު ވަނީ އެ ބަލީގައި މަރުވެފައެވެ.