ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ 85 ޕަސެންޓަކީ ފިރިހެނުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ 85 ޕަސެންޓް ފިރިހެނުންނަށް ރާއްޖޭގައި ކޮވިޑް ޖެހުމުގެ ސަބަބެއް ކަމަށް ބެލެވެނީ މާރުކޭޓުން އެއްޗެހި ގަތުމާއި ބޭރަށް ނުކުމެ އުޅެނީ ވެސް ފިރިހެނުންނަށް ވެފައި އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި ވެސް ގިނައީ ފިރިހެނުން ކަމަށްވާތީއެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 527 އަށް އަރާފައިވާއިރު އޭގެ ތެރެއިން 449 މީހުންނަކީ ފިރިހެނުންނެވެ. އަދި 78 އަންހެނުން ޕޮޒިޓިވްވެފައިވެއެވެ. އެއީ ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދުގެ 14.80 ޕަސަންޓެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު ގިނަ މީހުންނަކީ އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށާއި އެއީ މިދަނޑިވަޅުގައި ވެސް އެންމެ ބޮޑަށް ހެލިފެލިވެ އުޅެނީ އެ ގުރޫޕުގެ މީހުންނަށް ކަމަށްވާތީ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ 31 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުގެ 139 ފިރިހެނަކަށާއި 19 އަންހެނަކަށް ކޮވިޑް ޖެހިފައިވެއެވެ.
ދެން އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 139 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެއީ 122 ފިރިހެނުންނާއި ހަތް އަންހެނެކެވެ. ރާއްޖޭގައި އުމުރުން 81 އަހަރާއި 100 އަހަރާދެމެދުގެ މީހުންގެ ތެރެއިން ބަލި ޖެހިފައިވަނީ އެންމެ ދެ މީހުންނަށެވެ. އެ ދެ މީހުންނަކީ ވެސް އަންހެނުންނެވެ.