ށ. ނަރުދޫން ކޮވިޑަށް ޕޮޒިޓިވް އިތުރު މީހުން ފެނުމުގެ ފުރުސަތު އޮތުމުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
ނަރުދުއަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ރަށެވެ. އެރަށުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު ސަރުކާރުގެ އިސް ވަފުދެއް ވަނީ އެރަށަށް ގޮސްފައެވެ.
ނަރުދުއަށް މިއަދު ދިޔަ ވަފުދުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޓީމުގެ ލީޑަރު ޑރ. އަލީ ލަތީފާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހިމެނިވަޑައިގަންނަވައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ ވަފުދު ނަރުދުއަށް ދިޔައީ އެރަށަކީ ކޮމިއުނިޓީ ސްޕްރެޑެއް އިތުރަށް ފެނިގެންދާނެ ރަށެއް ކަމަށް ފެންނާތީ، އެރަށުގައި ރޭވިފައި ހުރި އިންތިޒާމުތަކާއި ތައްޔާރުކުރެވިފައިވާ ތަންތަން ބެލުމަށް ކަމަށެވެ.
އޭގެ އިތުރުން އެރަށުގެ ޓާސްކުފޯހާ މަޝްވަރާކޮށް ކުރިއަށް އޮތްތަނުގައި ކަންތައް ކުރަންވީ ގޮތް ކިޔައިދީ، ކުރިއަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އެރަށުން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި އެރަށު އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެއަށްފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި ބޯޓުގެ ކުރޫންއިންގެ އާއިލާ ތިން މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 527 އަށް އަރާފައިވާއިރު އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައިވަނީ ނަރުދޫގެ އިތުރުން ހއ. ތަކަންދު އާއި ހއ. އުލިގަމާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.