ނ. މަނަދޫގައި ކުރީސަފުގައި މަސައްކަތްކުރާ 15 މީހަކު ހޯމް އައިސޮލޭޝަން ވާން އަންގައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ސިއްހީ ސަލާމަތްތެރިންގެ ޔަގީންކުރުމަށް އެކަހެރިކުރި އެމީހުންނަކީ އެރަށުން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި މީހުން ކަމަށެވެ.
އެއާއެކު މަނަދޫ ހޮސްޕިޓަލުން އާންމުކޮށް ބަލި މީހުން ބަލާ ގަޑިތައް މަދުކޮށް، އިމަޖެންސީ ކޮންސަލްޓޭޝަނަށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަނަދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އެއީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ މާލެ ގެނައީ ބަނޑުގައި ރިއްސާތީ ނ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ބަލިބޮޑުވެގެންނެވެ. އަދި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އައިޖީއެމްއެޗަށް ދެއްކުމުން ހެދި ޓެސްޓުތަކެއްގެ ތެރެއިންނެވެ.
ނަމަވެސް އޭރުވެސް އޭނާގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި އަދި ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ ފަރުވާއަށްފަހު އޭނާ ގެސްޓް ހައުސްއަކަށް ދިޔަ ފަހުން ކަމަށް ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެކަމާ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ ކޭސްއާ ގުޅިގެން މާލެއިން އެއްވެސް މީހަކު އެކަހެރިކުރި ކަމެއް އަދި ނޭނގެއެވެ.