އިތުރު އަށް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 527 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި އަށް މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހެއް ކަމަށެވެ.
އިތުރު އަށް މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނާއި ބަންގުލަދޭޝްގެ ތިން މީހަކާއި ސްރީލަންކާގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައިން ހިމެނެނީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 268 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 183 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހަކާއި ސްރީލަންކާގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 527 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.