ކުއްލި ޚަބަރު

ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް، ވީޑިއޯއެއް އާންމުކޮށްފި

އަލީ ޔާމިން

1

ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓް ހެކްކޮށް، ވީޑިއޯއެއް އާންމުކޮށްފިއެވެ.

ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން"އަށް ވިދާޅުވީ، ހެކަރުން ހެކްކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ހެލްތު ވެބްސައިޓާއި، އެޗްޕީއޭގެ ވެބްސައިޓު ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅޭ މައުލޫމާތު ދިނުމަށް ހުޅުވި ވެބްސައިޓަށް އެއްވެސް ހަމަލާއެއް ދެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ޔޫޓިއުބްގައި އާންމުކޮށްފައިވާ އެ ވީޑިއޯގައި ބުނަނީ ރާއްޖެ މިއޮތީ މިހާތަނަށް ހުށަހެޅުނު އެންމެބޮޑު ނުރައްކަލުގައި ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަން ފެތުރެމުން މިދާ ދުވަސްވަރުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަނީ ސިޔާސީ ކުޅިވަރުތަކެއް ކުޅެމުން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ދައްކާ ފޮނި ވާހަކަތައް އަޑުއަހަން ދެން ނުތިބޭނެ ކަމަށް ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އަތްގަދަކޮށްފައިވާ ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް ރަނގަޅުގޮތް ނިންމޭނެ މިނިވަންކަން މި ސަރުކާރަށް ނެތް ކަމަށް ވީޑިއޯގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި ސަރުކާރު ވެރިކަމަށް އައިފަހުން ރައްޔިތުންގެ ލާބައަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި، ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައިވެސް ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުން ކަމަށް ބުނެފައިވެއެވެ.

އެ ވީޑިއޯގައި ބުނީ ކޮވިޑުގެ ސަބަބުން އެތައް ބަޔަކު އާމްދަނީ ލިބުމުން މަހްރޫމްވެފައިވާ ކަމަށާއި، އެެކަމުން ވަރަށް އަވަހަށް އެތައް ހާސް ބަޔަކު ބަނޑަށް ޖެހި މަގުމަތިވެދާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ދޫކުރި ރިލީފް ޕެކޭޖުތަކުން އާންމު ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ކަމަށާއި، އޭގެން ހުރިހާ މަންފާއެއް ކުރަނީ ބާރުގަދަ ނުފޫޒު ގަދަ ބޮޑެތި ވިޔަފާރިވެރިންނަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި ސަރުކާރުން ކުރަމުންގެންދާ ކަންކަން ފޮރުވުމަށް މީޑިއާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ވީޑިއޯގައި ވަނީ ސަރުކާރުގެ ވެބްސައިޓުތައް ހެކްކޮށް، ކޮންފިޑެންޝަލް މައުލޫމާތު އާންމުކުރާނެ ކަމުގެ އިންޒާރުދީފައެވެ. އަދި ސަރުކާރުގެ ޕްލޭންތައް ބަދަލުނުކުރާހާ ހިނދަކު، މިކަން ނުހުއްޓާނެ ކަމަށް ވެސް ވީޑިއޯގައި ބުނެއެވެ.

ހެލްތު މިނިސްޓްރީއާއި އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށްފައި ވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ހެކަރުން ހެކްކުރި ދެ ވެބްސައިޓުވެސް މިހާރު މަސައްކަތް ކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟