މުހައްމަދު އައުޒަމް
1986 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަސް ވެގެންދިޔައީ މުޅި ދުނިޔެއަށް ވެސް ސިހުން ގެނުވި ހިތާމަވެރި ދުވަހަކަށެވެ. އެއީ ލަންކާގެ ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލާމް (އެލްޓީޓީއީ) އިން ކޮލަމްބޯ އެއާޕޯޓުގައި އޮތް އެއާ ލަންކާގެ ފްލައިޓް ގޮއްވާލައި 21 މީހުން މަރާލި ދުވަހެވެ.
އެއާ ލަންކާގެ އެ ފްލައިޓް ގޮއްވާލުމުގެ ހާދިސާގައި މަރުވި 21 މީހުންގެ ތެރޭގައި 2 ދިވެހިންވެސް ހިމެނެއެވެ. މިހާދިސާގައި 41 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ.
އެއާ ލަންކާ ފްލައިޓް 512 ގޮއްވާލާފައި ވަނީ ލަންކާގެ ބަންޑާރަނަޔަކަ އެއާޕޯޓުން ރާއްޖެއަށް ދަތުރުކުރުމަށް ބޯޓަށް މީހުން އަރަމުން ދަނިކޮށެވެ. ފްލައިޓުގައި ހަރުކޮށްފައިވާ ބޮން ގޮވާފައިވަނީ ފްލައިޓުގެ ފަހަތު ބައިގައެވެ. ބޮން ގޮވުމާއެކު ފްލައިޓުވަނީ ދެބުރިވެފައެވެ. ބޮން ގޮވާފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ ފްލައިޓު ޑިލޭ ކޮށްފައި ވަނިކޮށެވެ.
އެއާ ލަންކާ ފްލައިޓް 512 ފުރުން ޑިލޭ ވެގެން ދިޔައީ ކާގޯ ލޯޑިންގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރިޔަށް ދިޔަވަގުތު ފްލައިޓުގައި ހަރުކޮށްފައިވާ ބޮން ގޮވީއެވެ. ބޮން ހަރުކޮށްފައިވަނީ ފްލައިޓުގެ "ފްލައި އަވޭ ކިޓް" ތެރޭގައި ކަމަށް އެހާދިސާއާ ގުޅިގެން ހިންގި ތަހުގީގުން ވަނީ އެނގިފައެވެ.
އެ ފްލައިޓް ގޮއްވާލުމަށް ހަރުކުރި ބޮމުގެ ޓައިމަރު ސެޓުކޮށްފައި ހުރީ ފްލައިޓް ފުރާނެ ވަގުތަށް ބަލައި، ވައިގެތެރޭގައި ގޮވާ ގޮތަށެވެ. ނަމަވެސް ވަގުތު ޖެހުނު އިރު ފްލައިޓު އޮތީ ޑިލޭވެ ނުފުރިފައެވެ. ބޮން ސެޓުކޮށްފައި އޮތް ގޮތަށް ފްލައިޓް ގޮވި ނަމަ އެ ފްލައިޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ނާދިރު ކަމެކެވެ. އަދި މި ބޮމުގެ ސަބަބުން ފަހަތުކޮޅަށް އެކަނި އަސަރުކުރުމުގެ ބަދަލުގައި މުޅި ފްލައިޓް ގޮވި ނަމަވެސް މަރުވި މީހުން އަދަދު އެތައް ގުނައެއް އިތުރު ވުމުގެ ފުރުސަތު އޮތެވެ.
އެއާ ލަންކާ ފްލައިޓް ގޮއްވާލާފައިވަނީ ލަންކާގައި 1976 ވަނަ އަހަރުން ފެށިގެން ކުރަމުން އައި ދާހިލީ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ދެކެވެމުން ދިޔަ ދަނޑިވަޅުގައެވެ.