ދުނިޔެ

ޗައިނާއިން ލޮކްޑައުން އުވާލުމާއެކު އެތައް މިލިއަން ބަޔަކު ދަތުރުކުރަން ފަށައިފި

މުހައްމަދު އައުޒަމް

ޗައިނާއިން ލޮކްޑައުން އުވާލުމާއެކު އެތައް މިލިއަން ބަޔަކު ދަތުރުފަތުރު ކުރަން ފަށައިފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޗައިނާއިން ކޮށްފައިވާ ލޮކްޑައުން އުވާލައި ގިނަ ފިޔަވަޅުތަކެއް ލުއި ކުރުމާއެކު އެގައުމުގެ 117 މިލިއަނަށް ވުރެން ގިނަ މީހުން ދަތުރުފަތުރު ކުރަން ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާއިން ލޮކްޑައުން އުވާލުމާއެކު އެންމެ ފުރަތަމަވެސް އައީ އެގައުމުގައި ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ ފަސްދުވަހުގެ ޗުއްޓީއެވެ. މިއީ އާންމުކޮށް ޗައިނާގެ ދަތުރުފަތުރުތަކަށް ބާރު ބޮޑުވާ ޗުއްޓީއެކެވެ. ނަމަވެސް މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ފަސްދުވަހުގެ ޗުއްޓީގައި ދަތުރު ކުރާމީހުންގެ ނިސްބަތް އެތައް ގުނަޔަކަށް ދަށްވާނެ ކަމަށް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފައެވެ.

ޗައިނާގެ ގިނަ ސިޓީތަކުން ފިޔަވަޅުތައް ލުއިކޮށްފައިވާއިރު އެސިޓީތަކުގައި ތާށިވެފައިވާ މީހުންވަނީ އާއިލާތަކާ ބައްދަލުކުރުމަށް ދަތުރު ފަށާފައެވެ. އެގޮތުން ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ހޫބޭ ޕްރޮވިންސް އާއި ބެއިޖިން އަދި ޓިއާންޖިން އިން ވަނީ ގިނަބަޔަކު ދަތުރު ކޮށްފައެވެ.

ޗައިނާގައި އަޅާފައި އޮތް ފިޔަވަޅުތަކުގެ ސަބަބުން ބައެއް ސިޓީތަކަށް ދަތުރުކުރާ މީހުން އެސިޓީގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް ސަރުކާރުން ވަނީ މިފިޔަވަޅުވެސް އުވާލާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން ކުރި މަސައްކަތާއި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު އެގައުމުން ވަނީ ބަލިކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް މިހާރުވެސް މަދުމަދުން ޗައިނާއިން ކޮވިޑްގެ ބައެއް ކޭސްތައް ދަނީ ފެންނަމުންނެވެ.

މިހާތަނަށް ޗައިނާއިން 84 ހާހަށް ވުރެން ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެގައުމުން ވަނީ 4643 މީހުން މަރުވެފައެވެ.