ކޮވިޑަށް ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ބަލިން ފަސޭހަވެފައިވަނީ ކޭސް 80 ކަމަށެވެ. އޭނާގެ ފަރާތުން ކޮވިޑަށް ޓެސްޓުކުރަން ނެގި ދެ ސާމްޕަލް ވެސް ނެގެޓިވް ކަމަށާއި ނަމަވެސް އޭނާ އަދި ދޫކޮށްލާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑުގެ މައުލޫމާތު އަޕްޑޭޓް ކުރަމުން އަންނަ އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާގޮތުގައި ކޭސް 80 އަކީ 35 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު 18 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިއަދު އެކަނިވެސް 28 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ 21 ދިވެހިންނާއި ބަންގުލަދޭޝްގެ ހަތަރެއް މީހެއްގެ އިތުރުން އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެއް އަދި ސްރީލަންކާގެ މީހެކެވެ. މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 519 އަށް އަރައިފައެވެ.