ކުއްލި ޚަބަރު

މޮނީޓާކުރާ ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން އަދި ޓެސްޓު ކުރެވުނީ ހަތް ތަނަކުން، ކޭސްތައް އިތުރުވުމުގެ ފުރުސަތު ބޮޑު

1

ފުލުހުން މޮނީޓާކުރާ ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން އަދި ޓެސްޓު ކުރެވިފައިވަނީ ހަތް ތަނަކުން ކަމަށާއި ޕޮޒިޓިވް ކޭސްތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 519 މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައިން ހިމެނެނީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 265 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ޖުމްލަ 1،085 ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ވެސް ވަނީ ކަރަންޓީނުކޮށްފައެވެ. ފުލުހުން މޮނީޓާ ކުރަމުން އަންނަ އެތަންތަނަކީ ޖާގައިގެ ގޮތުން ވަރަށް ކުދިކުދި އަދި ވަރަށް ގިނަ ބިދޭސީންތަކެއް ތޮއްޖެހިގެން އުޅޭ، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ބިދޭސީން ދިރިއުޅޭ 23 ތަނެއްގެ ތެރެއިން މިހާތަނަށް ސާމްޕަލް ނަގައި ޓެސްޓު ހެދިފައިވަނީ ހަތް ތަނެއް ކަމަށެވެ. އަދި ދެން ހުރި ތަންތަނުން ނަގާ ސާމްޕަލްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުލުހުން މޮނީޓާ ކުރަމުން އަންނަ ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން ކޮވިޑްގެ އަލާމާތްތައް ހުންނަ މީހަކު ފެނިއްޖެނަމަ މިހާރު ވެސް ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީ އާއި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިއަދު ވަނީ ކޮވިޑުގެ ނުރައްކަލަށް ހުށަހެޅިފައިވާ އަދި ހުށަހެޅިދާނެ ކަމަށް ބެލެވޭ ހުރިހާ ބިދޭސީން ކަރަންޓީނުކުރަން އަންގައި އަމުރެއް ނެރެފައެވެ.

ޑިރެކްޓާ ޖެނެރަލް މައިމޫނާ ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ބިދޭސީ މަސައްކަތްތެރީން ކަރަންޓީނުކުރާނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ކަރަންޓީނު ކުރާނެ ފުރަތަމަ ހާލަތަކީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް، ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނެތްނަމައެވެ. އެފަދަ މީހުން އެކަހެރިކޮށް މޮނީޓަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަ ކަމަށް ޑިރެކްޓާ ޖެނެރަލް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ބިދޭސީން ދިރިއުޅެމުން އަންނަ ބައެއް ކުއާޓަރުތަކުގައި އުޅޭ މީހުންނާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާގޮތުން އަދި ނުސީދާ ގޮތުން ދިމާވެފައިވާ މީހުން އަދި އެޗްޕީއޭއިން ބަޔާންކޮށްފައިވާ ހާލަތްތަކަށް ނުފެތޭ ނަމަވެސް ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކުރުމަށް ޑިރެކްޓަރު ޖެނެރަލްގެ އަމުރުގައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟