ކުއްލި ޚަބަރު

ޕޮޒިޓިވްވި ކުއްޖާގެ ބަދަލުގައި ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދެވުމުން އެޗްޕީއޭ އިން މައާފަށް އެދިއްޖެ

1

ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާގެ ބަދަލުގައި ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދެވުމުން އެޗްޕީއޭ އިން މައާފަށް އެދިއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ޕޮޒިޓިވްވި ކުއްޖާގެ ބަދަލުގައި ގެންދެވުނީ އެކުއްޖާގެ އާއިލާގެ އެހެން ކުއްޖެއް ކަމަށެވެ.

"އެކުއްޖާ ވެސް މިހާރު ގެންދިއުމުގެ މަސައްކަތް މިހާރު އެބަ ކުރޭ. އެކަމަށް އިންތިހާއަށް މައާފަށް އެދެން. އެޗްޕީއޭގެ ފަރާތުން ވަނީ އެ އާއިލާއާ ވާހަކަވެސް ދައްކާފައި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ ދެކުދިންގެ ނަމުގައި އުޅެނީ އެއް އަކުރުގެ ތަފާތެއް ކަމަށާއި އެކުއްޖާ ފެސިލިޓިއަށް ގެންދެވުނީ ޕޮޒިޓިވްވި އެކުއްޖާގެ ބައްޕައާއެކު ކަމަށެވެ. އަދި ގެންދެވުނު ކުއްޖާ ކޮވިޑަށް ނެގަޓިވްވި ނަމަވެސް އެކުއްޖާއަކީ ކްލޯސް ކޮންޓެކްޓެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ދެ ގެއެއްގައި އުޅެނީ، އެހެންނަމަވެސް އެ އާއިލާގެ ދެ ކުއްޖެއް އެބައުޅޭ އެއް ކުއްޖާއާ އަނެއް ކުއްޖާގެ ނަމުގައި ތަފާތަކަށް އިންނަނީ އެއް އަކުރު. އަޅުގަނޑުމެންނަށް ގެންދެވިފައިވަނީ ޕޮޒިޓިވްވި ބޭފުޅަކާއި އެބޭފުޅާގެ ދަރިއާ އެކީގައި. އެ ގެންދެވުނު ދަރިފުޅު ނެގަޓިވް. އެހެންނަމަވެސް ކްލޯސް ކޮންޓެކްޓެއް. އެހެންވީމާ އެކުއްޖާއަކީ އަދިވެސް ޓެސްޓުކުރަން ޖެހޭ ކުއްޖެއް. އެހެންނަމަވެސް ޕޮޒިޓިވްވި އެހެން ކުއްޖެއް އަޅުގަނޑުމެންނަށް ހުރީ އެ ރަށުގައި ބެހެއްޓިފައި." އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާއަކީ ހއ. ތަކަންދޫން ޕޮޒިޓިވްވި މީހެއްގެ ދަރިއެކެވެ. ތަކަންދޫން ޖުމްލަ ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެމީހުންނަކީ މިމަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން ދަތުރުކުރި ބައެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟