އަލީ ޔާމިން
އާދަޔާ ހިލާފަށް ބަލި ފެތުރިއްޖެ ނަމަ، ހާލުގޯސް ނޫން މީހުން ގޭގައި ތިބެ ފަރުވާހޯދަން ޖެހިދާނެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ބަލި ޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު، ފަރުވާ ދެވޭނެ އިންތިޒާމުތައް އެބަހުރި ކަމަށާއި، ބަލިވާ މީހުން ގެންދެވޭނެ ފެސިލިޓީތައްވެސް އެބަހުރި ކަމަށެވެ. ނަމަވެސް ރާއްޖޭގައި އާދަޔާ ހިލާފަށް ހަލުވިކަމާއެކު ބަލި ފެތުރިއްޖެ ނަމަ ހާލު ގޯސް ނޫން މީހުން ގޭގައި ތިބެ ފަރުވާ ހޯދަން ޖެހިދާނެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން އެބަޖެހޭ ބަލީގެ އަލާމާތްތައް ފެންނަ ކޮންމެ މީހެއް އަދި ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއް ކުރިއަށްއޮތްތާ ހޮސްޕިޓަލު ސެޓަޕަކަށް ގެންގޮސް ޓްރީޓު ކުރާ ކަހަލަގެ ގޮތަކަށް އެކަން ނުކުރެވިވެސްދާނެއޭ. އެ ހާލަތުގައި ހާލު ގޯސް ނޫން މީހުންނަށް ގޭގައި ތިބެގެން ފަރުވާ ކުރަން ޖެހިދާނެ ކަމަށް މިހާރުއްސުރެ ތައްޔާރަށް ތިބެން އެބަޖެހޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވަނީ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައިވެސް އެފަދައިން އަމަލުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ކްރިޓިކަލް ކެއާގައި ފަރުވާދޭން ޖެހިފައިވަނީ ވަރަށް މަދު ބަަޔަކަށް ކަމަށާއި ގިނަ ބަޔަކު ބަލިން ރަނގަޅުވަމުން އަންނަނީ މާ ބޮޑު އަލާމާތެއް ނުފެނި ކަމަށެވެ.
ރާއްޖޭގައި 500 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، އެބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 18 މީހެކެވެ.