އަލީ ޔާމިން
ރާއްޖޭގައި ކޮވިޑު ޖެހޭ ގިނަ ބަޔަކު ރަނގަޅުވަމުން އަންނަނީ މާބޮޑު އަލާމާތެއް ނުފެނި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ކްރިޓިކަލް ކެއާގައި ފަރުވާދޭން ޖެހިފައިވަނީ ވަރަށް މަދު ބަަޔަކަށް ކަމަށާއި ގިނަ ބަޔަކު ބަލިން ރަނގަޅުވަމުން އަންނަނީ މާ ބޮޑު އަލާމާތެއް ނުފެނި ކަމަށެވެ.
"ހަގީގަތުގައި މި ބައްޔަކީ ވަރަށް މައިލްޑް ސިމްޕްޓަމްތަކެއް ގިނަ ބަޔަކު ހުރެދާނެ ބައްޔެއް. މާނައަކީ ގިނަ ބަޔަކަށް މި ބަލި ވަރަށް މައިލްޑްކޮށް، ވަރަށް އާދައިގެ އަލާމާތްތައް ފެނިފައި ވަރަށް ފަސޭހައިން ރަނގަޅުވާ ހާލަތެއްގައި ހުރެދާނެއޭ. އަޅުގަނޑުމެންގެ ޗާޓުތަކުންވެސް އެފެންނަނީ އެގޮތަށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ބަލީގެ ނުރައްކާ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، މާބަނޑުމީހުންގެ އިތުރުން އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށެވެ. އަދި އެފަދަ ބަޔަކަށް ބަލި ޖެހިއްޖެނަމަ ވަރަށް ހާއްސަ ނަޒަރިއްޔާއަކުން ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި 500 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، އެބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 18 މީހެކެވެ.