ކުއްލި ޚަބަރު

ރަށަށްދާ މީހުން ކަރަންޓީނުގައި ތިބޭކަން ކަށަވަރުކުރާނީ އެރަށެއްގެ ޓާސްކްފޯސްއިން: މަބްރޫކް

އަލީ ޔާމިން

1

ރަށަށްދާ މީހުން ކަރަންޓީނުގައި ތިބޭކަން ކަށަވަރުކުރާނީ އެރަށެއްގެ ޓާސްކްފޯސްއިން ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އަޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާލެއިން އަތޮޅުތެރެއަށްދާ މީހުން ކަރަންޓީނުގައި ތިބޭކަން ކަށަަވަރު ކުރަން ޖެހޭނީ އެރަށެއްގެ ޓާސްކްފޯސްއާއި ފުލުހުންގެ އިދާރާއެއް ހުރިނަމަ އެ އިދާރާއަކުން ކަމަށެވެ.

"ކޮންމެ ރަށެއްގެ ޓާސްކްފޯސްއަކާ ކޮމިޔުނިކޭޓް ކުރެވޭ ގޮތަށް އެރަށެއްގައި އޮންނަ ޕޮލިހުގެ ވުޒާރާވެސް އޮވޭ،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރަށުގައި ކަރަންޓީން ކުރެވޭނެ ގޮތެއް ނެތްނަމަ ރިސޯޓުތަކުގައި ކަރަންޓީން ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލު ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން މާލޭގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ރަށަށް ފޮނުވުމުގައި އަމަލުކުރާނީ ވަކި ތަރުތީބަކުންނެވެ. އެގޮތުން އެ ތަރުތީބުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ބޭސްފަރުވާގެ ކަންކަމަށް މާލެ ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންނަށެވެ.

އޭގެ އިތުރުން ރަށަށް އެނބުރި ދިއުމަށްޓަކައި ވަކި ތާރީހުތަކެއްގައި ޓިކެޓު ނަގާފައިވާ މީހުންނާއި ރާއްޖޭން ބޭރުން އައިސް ކަރަންޓީނު ފުރިހަމަކޮށްފައި ތިބި މީހުންނާއި ރިސޯޓު މުވައްޒަފުން އަދި ވަޒީފާ ގެއްލުނު މީހުން ވެސް ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟