ކުއްލި ޚަބަރު

ރަނގަޅަށް ކަރަންޓީނު ކުރެވެން ނެތް ރަށްރަށުގެ މީހުން ކަރަންޓީނު ކުރާނީ ކައިރި ރިސޯޓުތަކުގައި: މަބްރޫކް

އަލީ ޔާމިން

ރަނގަޅަށް ކަރަންޓީނު ކުރެވެން ނެތް ރަށްރަށުގެ މީހުން ކަރަންޓީނު ކުރާނީ ކައިރި ރިސޯޓުތަކުގައި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުނ ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށްރަށަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ރަށްރަށަށް ފޮނުވުމުގައި އިސްކަންދޭނީ ކުރު މުއްދަތަކަށް މާލެ އައިސް ނުވަތަ ބޭސް ފަރުވާއަށް މާލެ އައިސް ލޮކްޑައުންއާ ހެދި ރަަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބޭ މީހުންނަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މާލޭގައި ތިބި އަތޮޅުތެރޭގެ މީހުންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވާ މީހުން ރަށްރަށުގެ ޓާސްކްފޯސްތައް މެދުވެރިކޮށް ހޯދައިފައިވާ ކަމަށާއި އެމީހުންނަށް މުޖުތަމައުގެ ތެރެއަށް ނުކުމެވޭނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ރަނގަޅަށް ކަރަންޓީނު ކުރެވެން ނެތް ރަށްރަށުގެ މީހުން ކަރަންޓީނު ކުރާނީ ކައިރި ރިސޯޓުތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ކަރަންޓީން ކުރެވޭނެ ގޮތް ނެތް ރަށްރަށުގައި އެކަން ކުރެވޭނެ އެހެން ގޮތްތައްވެސް ހޯދައިފިން. އަދި ކަރަންޓީން ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ދަތުރުކުރަން ޖެހޭ ރަށްރަށުގައި އެމީހުން ބޭތިއްބޭނެ ރިސޯޓުތައްވެސް ފާހަގަކުރެވިއްޖެ. އެރަށަކީ ރަނގަޅަށް މޮނީޓާ ކުރެވޭނެ ރަށެއް ކަމަށް ނުފެންނަންޏާ ކަރަންޓީން ކުރެވޭނެ ރަށުން ބޭރުގައި ހުންނަ ކަރަންޓީން ފެސިލިޓީތަކުގައި." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރަށްރަށަށް ދާ މީހުންގެ ކަރަންޓީނުގެ ކަންކަން ބަލަހައްޓާނީ ފުލުހުންނާއި އެރަށެއްގެ ޓާސްކް ފޯހުން ކަމަށެވެ.

މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލު މިއަދު ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިއަދު ވަނީ ކަނޑައަޅައިފައެވެ. އެ އުސޫލުގައިވާ ގޮތުން މާލޭގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ރަށަށް ފޮނުވުމުގައި އަމަލުކުރާނީ ވަކި ތަރުތީބަކުންނެވެ. އެގޮތުން އެ ތަރުތީބުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ބޭސްފަރުވާގެ ކަންކަމަށް މާލެ ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންނަށެވެ.

އޭގެ އިތުރުން ރަށަށް އެނބުރި ދިއުމަށްޓަކައި ވަކި ތާރީހުތަކެއްގައި ޓިކެޓު ނަގާފައިވާ މީހުންނާއި ރާއްޖޭން ބޭރުން އައިސް ކަރަންޓީނު ފުރިހަމަކޮށްފައި ތިބި މީހުންނާއި ރިސޯޓު މުވައްޒަފުން އަދި ވަޒީފާ ގެއްލުނު މީހުން ވެސް ހިމެނެއެވެ.