މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެސްޓީއޯ ސުޕަމާކެޓާއި ޓްރޭޑް ސެންޓަރުގެ ގުދަން ޑިސްއިންފެކްޓް ކުރަން ނިންމައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ ތަންތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިރޭ ފެށޭނެ ކަމަށެވެ.
"މިހާރު އެސްޓީއޯ ސުޕަމާކެޓާއި އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގުދަން ޑީކޮންޓަމިނޭޓް ކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. އަޅުގަނޑުމެންނަށް އެނގިފައި އޮތީ މިރޭ ގާތްގަނޑަކަށް 11:00 ހާއިރު ޑީކޮންޓިމިނޭޝަނުގެ މަސައްކަތް ނިންމުމަށްފަހުގައި އެސްޓީއޯ ސުޕަމާކެޓާއި ގުދަން އާންމު ހާލަތަށް ގެނެވޭނެ ކަމަށް. އަދި ފާހަގަކޮށްލަން ބޭނުން މިކަމާ ގުޅިގެން އެސްޓީއޯގެ އީ-ސްޓޯ މިއަދު މިވަނީ ބަންދުކުރެވިފައި. އީ-ސްޓޯގެ ހިދުމަތް މާދަމާ އަނެއްކާވެސް އިރާދަކުރެއްވިއްޔާ ފެށޭނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އެސްޓީއޯގެ ލޭބާ ކުއާޓާގައި ދިރިއުޅޭ އެ ކުންފުނީގެ މުވައްޒަފަކު ހިމެނޭ ކަމަށާއި އެކަމާ ގުޅިގެން އެސްޓީއޯ ސުޕަމާކެޓާއި އެސްޓީއޯ ޓްރޭޑް ސެންޓަރު އަދި އަމީނީމަގު، މާފަންނުގައި ހުންނަ އެސްޓީއޯގެ ލޭބާ ކުއާޓާ މޮނީޓަރިންގެ ހާލަތަށް ގެނެވުނު ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 519 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.