ކުއްލި ޚަބަރު

މި ދެދުވަހު ކޮވިޑް ބަލި ޖެހިގެން ފެންނަމުން މިދަނީ ކުރީން ޖެހިފައި ތިބި މީހުންނާ ގުޅުންހުރި މީހުން: ޑރ. އަފްޒަލް

މި ދެދުވަހު ކޮވިޑް ބަލި ޖެހިގެން ފެންނަމުން މިދަނީ ކުރީން ޖެހިފައި ތިބި މީހުންނާ ގުޅުންހުރި މީހުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފަހުން ފެނުނު ކޭސްތަކުގެ ތެރޭގައި އަމާޒު ބޯޓު ކްލަސްޓާއާ ގުޅޭ ތިން މީހަކާއި ބާޒާރުމަތި ކްލަސްޓާގެ މީހަކު ހިމެނޭ ކަމަށެވެ.

"އަމާޒު ބޯޓާ ގުޅިގެން ރޭގައި އިތުރު ދެ ކޭސްއެއް ފެނިފައިވޭ. އަދި މިއަދު އެއް ކޭސް އިތުރަށް ފެނިފައިވޭ. މި ތިން ކޭސްއަކީ ވެސް އަމާޒު ބޯޓުގެ ކުރޫއިންގެ އާއިލާ މީހުން. މީގެ އިތުރުން ބާޒާރުމަތިން އިތުރު ކޭސްތަކެއް ފެނިފައިވޭ. އަދި އިންޑިޕެންޑަންޓް ކޭސްތަކެއް ވެސް ފެނިފައިވޭ. އަދި އެސްޓީއޯ އިން ފެނިފައިވާ ކޭސް ވެސް. އޭޕްރީލް 30އާ އަޅާ ބަލާއިރު މި ނަންބަރުތައް ކުޑަކަމަށް މި ފެންނަނީ ބޮޑު އެއް ކްލަސްޓާ ފެނިފައިނުވާތީ. މިހާރު ފެނިގެން މިދަނީ ރެގިއުލާކޮށް އަޅުގަނޑުމެންނަށް ފެންނަ ކްލަސްޓާތަކުން،" އޭނާ ވިދާޅުވިއެެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން އިން އާ ކޮންޓެކްޓްސްތަކެއް ފެނިފައި ނުވާ ކަމަށާއި ގިނަ ފަހަރަށް ފެނިފައިވަނީ ކުރިން ވެސް އެހެން ކްލަސްޓާއަކާއި ނޫނީ އެހެން ކޭސްއަކާ ގުޅިގެން ފެނިފައިވާ ކޮންޓެކްޓްސްތައް ކަމަށެވެ. އަދި ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައިން ފެނިފައިވަނީ އުމުރުން ބޮޑެތި މީހުން ކަން ވެސް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

"އޯވަރޯލްކޮށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައިން ފެންނަނީ އުމުރުން ބޮޑެތި މީހުން، ކޮންމެ ކެޓަގަރީއަކުން ބެލިކަމުގައިވިޔަސް. ހަމައެކަނި ދިވެހިންނަށް ބަލައިލިޔަސް، ބަންގުލަދޭޝް މީހުންނަށް ބަލައިލިޔަސް، ނޫނީ ވަކިން ބިދޭސީންނަށް އެއްކޮށް ބަލައިލިކަމުގައިވިޔަސް އަޅުގަނޑުމެންނަށް ގިނައިން މި ފެންނަނީ ބޮޑެތި މީހުން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 519 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.