ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވް ބިދޭސީންގެ ތެރެއިން 82 މީހަކު ހުޅުމާލޭ ފޭސް 2 ގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް

ކޮވިޑަށް ޕޮޒިޓިވް ބިދޭސީންގެ ތެރެއިން 82 މީހަކު ހުޅުމާލޭ ފޭސް 2 ގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީ އާއި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިއަދު ވަނީ ކޮވިޑުގެ ނުރައްކަލަށް ހުށަހެޅިފައިވާ އަދި ހުށަހެޅިދާނެ ކަމަށް ބެލެވޭ ހުރިހާ ބިދޭސީން ކަރަންޓީނުކުރަން އަންގައި އަމުރެއް ނެރެފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ އަމުރާ ގުޅިގެން ކޮވިޑަށް ޕޮޒިޓިވް ބިދޭސީންގެ ތެރެއިން 82 މީހަކު ހުޅުމާލޭ ފޭސް 2 ގައި ހުންނަ ބިދޭސީން ބައިތިއްބާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިތުރު 113 މީހަކު މިރޭ ގުޅީފަޅަށް ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިރެކްޓާ ޖެނެރަލް މައިމޫނާ ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ބިދޭސީ މަސައްކަތްތެރީން ކަރަންޓީނުކުރާނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ކަރަންޓީނު ކުރާނެ ފުރަތަމަ ހާލަތަކީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް، ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނެތްނަމައެވެ. އެފަދަ މީހުން އެކަހެރިކޮށް މޮނީޓަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަ ކަމަށް ޑިރެކްޓާ ޖެނެރަލް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ބިދޭސީން ދިރިއުޅެމުން އަންނަ ބައެއް ކުއާޓަރުތަކުގައި އުޅޭ މީހުންނާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާގޮތުން އަދި ނުސީދާ ގޮތުން ދިމާވެފައިވާ މީހުން އަދި އެޗްޕީއޭއިން ބަޔާންކޮށްފައިވާ ހާލަތްތަކަށް ނުފެތޭ ނަމަވެސް ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކުރުމަށް ޑިރެކްޓަރު ޖެނެރަލްގެ އަމުރުގައިވެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 519 މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައިން ހިމެނެނީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 265 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ބިދޭސީން ދިރިއުޅޭ 23 ތަނެއް ފުލުހުން މިހާރު އަންނަނީ ބަލަހައްޓަމުންނެވެ. އެއީ ޖާގައިގެ ގޮތުން ވަރަށް ކުދިކުދި އަދި ވަރަށް ގިނަ ބިދޭސީންތަކެއް ތޮއްޖެހިގެން އުޅޭ، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނެވެ.

ރާއްޖޭގައި ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 178 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހަކާއި ސްރީލަންކާގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.