ކޮވިޑަށް ހުށަހެޅިފައިވާ ބިދޭސީންގެ ތެރެއިން 113 މީހަކު މިރޭ ގުޅީ ފަޅަށް ބަދަލުކުރަން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީ އާއި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިއަދު ވަނީ ކޮވިޑުގެ ނުރައްކަލަށް ހުށަހެޅިފައިވާ އަދި ހުށަހެޅިދާނެ ކަމަށް ބެލެވޭ ހުރިހާ ބިދޭސީން ކަރަންޓީނުކުރަން އަންގައި އަމުރެއް ނެރެފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ އަމުރާ ގުޅިގެން 113 މީހަކު މިރޭ ގުޅީފަޅަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ބިދޭސީންގެ ތެރެއިން 82 މީހަކު ހުޅުމާލޭ ފޭސް 2 ގައި ހުންނަ ބިދޭސީން ބައިތިއްބާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޑިރެކްޓާ ޖެނެރަލް މައިމޫނާ ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ބިދޭސީ މަސައްކަތްތެރީން ކަރަންޓީނުކުރާނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ.
އެގޮތުން ކަރަންޓީނުކުރާނެ ފުރަތަމަ ހާލަތަކީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް، ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނެތްނަމައެވެ. އެފަދަ މީހުން އެކަހެރިކޮށް މޮނީޓަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަ ކަމަށް ޑިރެކްޓާ ޖެނެރަލް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ބިދޭސީން ދިރިއުޅެމުން އަންނަ ބައެއް ކުއާޓަރުތަކުގައި އުޅޭ މީހުންނާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާގޮތުން އަދި ނުސީދާ ގޮތުން ދިމާވެފައިވާ މީހުން އަދި އެޗްޕީއޭއިން ބަޔާންކޮށްފައިވާ ހާލަތްތަކަށް ނުފެތޭ ނަމަވެސް ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކުރުމަށް ޑިރެކްޓަރު ޖެނެރަލްގެ އަމުރުގައިވެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 519 މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައިން ހިމެނެނީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 265 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ޖުމްލަ 1،085 ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ވެސް ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ރާއްޖޭގައި މިހާތަނަށް ފެނިފައިވާ އެންމެ ބޮޑެތި ކުލަސްޓާތައް ފެނިފައިވަނީ ވެސް އެފަދަ ތަންތަނުންނެވެ.
ރާއްޖޭގައި ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 178 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހަކާއި ސްރީލަންކާގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.