ކުއްލި ޚަބަރު

މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލު އާންމުކޮށްފި

އައިދާ އަބްދުލް ހަކީމް

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލު އާންމުކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އިއުލާންކުރައްވާފައިވާ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދު ފުރަ ބަންދުގެ ހާލަތަށް ގެނައުމާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް ރަށަށް ފޮނުވުމުގައި އަމަލު ކުރާނެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން މާލޭގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ރަށަށް ފޮނުވުމުގައި އަމަލުކުރާނީ ވަކި ތަރުތީބަކުންނެވެ. އެގޮތުން އެ ތަރުތީބުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ބޭސްފަރުވާގެ ކަންކަމަށް މާލެ ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންނަށެވެ.

އޭގެ އިތުރުން ރަށަށް އެނބުރި ދިއުމަށްޓަކައި ވަކި ތާރީހުތަކެއްގައި ޓިކެޓު ނަގާފައިވާ މީހުންނާއި ރާއްޖޭން ބޭރުން އައިސް ކަރަންޓީނު ފުރިހަމަކޮށްފައި ތިބި މީހުންނާއި ރިސޯޓު މުވައްޒަފުން އަދި ވަޒީފާ ގެއްލުނު މީހުން ވެސް ހިމެނެއެވެ.

ރަށަށް ފޮނުވުމުގައި އިސްކަންދޭ ތަރުތީބު:

  • އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ)ގެ އެހީތެރިކަމާއެކު ބޭސްފަރުވާއަށް މަލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތައް.
  • އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތައް އަދި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެފަރާތްތަކުގެ އާއިލާގެ މީހުން.
  • ބޭސް ފަރުވާއަށް މާލެ އައިސްފައިވާ އުމުރުން 65 އަހަރުގެ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތައް.
  • ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.
  • ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުން އަންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.
  • ރަށަށް އެނބުރި ދިއުމަށްޓަކައި މިދިޔަ މަހުގެ 15 އާއި މިދިޔަ މަހުގެ 20އާ ދެމެދުގެ މުއްދަތުގައި ޓިކެޓު ނަގާފައިވާ ފަރާތްތައް.
  • ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް.
  • ވަޒީފާ އަދާކުރަމުންގެން އަންނަ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް.
  • ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ހާލުގައި ޖެހިފައިވާ ފަރާތްތައް.
  • އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާން ބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާ ގުޅިގެން، އާމުދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން).
  • ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާ ބެލުން ހަވާލުކޮށްފައިވާ ފަރާތްތައް.
  • އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް.
  • ކޮވިޑް 19އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖުތިމާއީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް.
  • އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތައް.
  • ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތައް.
  • އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް.

އެނބުރި ރަށަށް ދިއުމުގެ ކުރިން ކޮންމެ ފަރާތެއްވެސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ސަރަހައްދެއްގައި ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި ރަށަށް ދިއުމަށްޓަކައި ޖެންޑާ މިނިސްޓްރީއަށް ނުވަތަ މާލެ ސިޓީ ކައުންސިލުގެ އިދާރާ ނުވަތަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ރިޕޯޓްކޮށްފައި ނުވާ ފަރާތްތައް 1412 އަށް ރިޕޯޓުކުރަމުން ގެންދިއުމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެދިފައެވެ.