ރަށްރަށާއި ފަޅުތައް ދޫކުކުރުމަށް ފަހު ލިބޭ މީރާ އަށް ޖަމާކުރުމުގެ ބަދަލުގައި ސީދާ އެމްއެމްޕީއާރްސީއަށް ޖަމާކުރުމަށް ނިންމަވައި އެކަމަށް ހުއްދަ ދެއްވީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އެންގެވުމަށް އޭރުގެ ބަންޑާރަ ނައިބު ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑައިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ ޒިޔަތު މިހެން ވިދާޅުވީ އޭނާގެ ފަރާތުން މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.
ޒިޔަތުގެ ބަޔާނުގައި ބުނެފައި ވަނީ 2014 ވަނަ އަހަރު އެމްއެމްޕީއާރްސީގެ އެމްޑީ ކަމަށް އޭނާ އައްޔަންކުރައްވައި، ކުންފުނީގެ މެންޑޭޓް ފުޅާކޮށް އެއިރު ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ވައުދު ފުއްދުމަށް ޓަކައި ރަށްރަށާއި ފަޅުތައް އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޭން ނިންމެވީ ވެސް ރައީސް ޔާމީން ކަމަށެވެ.
އޭނާގެ ބަޔާނުގައި ބުނެފައި ވަނީ އެކުންފުނި މެދުވެރިކޮށް ރިސޯޓު ހެދުމަށް ޓަކައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ކުރެވުނު މުއާމަލާތްތަކުގެ ހުރިހާ މައުލޫމާތެއް ކުރީގެ ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ކޮންމެ ރަށެއްގެ ލީސް އެގްރީމެންޓު ފައިނަލް ކުރެއްވީވެސް ސީދާ ރައީސް ޔާމީން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅިގެން ރައީސް އޮފީހަށް ހާޒިރުކޮށް، އަދީބާ ދެކޮޅަށް ބަޔާނެއް ދޭން ވެސް އެންގެވި ކަމަށާއި އޭނާ ހައްޔަރުކުރީ ބަޔާން ދޭން އިންކާރުކުރިތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ޒިޔަތުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާ ހައްޔަރުކުރީ ހަނުހުރީމަ ކަމަށް ކުރީގެ ރައީސް ޔާމީން މީޑިއާގައި ވިދާޅުވެފައިވާ ކަމަށް ޒިޔަތު ބުނެފައިވެ އެވެ.
އޭނާގެ ބަޔާނުގައި އިތުރަށް ބުނީ އެމްއެމްޕީއާރްސީގެ އެއްވެސް ޗެކެއް އަދި ޕޭމެންޓެއް ވެސް އަދީބާ ހަވާލުކޮށްފައި ނުވާނެ ކަމަށާއި ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެސް ވެފައި ނުވާނެ ކަމަށެވެ. ބާރުގަދަ ބައެއްގެ ނުފޫޒުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެމްއެމްޕީއާރްސީގެ ޗެކުތައް އެކުންފުނީގެ ބޯޑުގެ ނިންމުމާއި ބޭންކުން އަމަލުކުރަމުން އަންނަ އުސޫލުތަކާ ޚިލާފަށް އެހެން ކުންފުނިތަކަށް ޖަމާކޮށްފައި ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ބަޔާނުގައި ޒިޔަތު ބުނީ ބަންދުގައި ތިން އަހަރު ވެގެން ދިޔަ އިރު ވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ބަހެއް ނުބުނެ ހުރީ ކުރިމަތިވެދާނެ ނުރައްކަލަކަށް ޖެހިލުން ވާތީ އެވެ.
"ނަމަވެސް މި ބަޔާން ނެރުމަށް ނިންމީ މި ސަރުކާރުން އިންސާފު ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޮތުމުން" ޒިޔަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޒިޔަތުގެ ބަޔާނުގައި އިތުރަށް ބުނީ އޭނާގެ މައްޗަށް ނުހައްގުން މަތިމައްޗަށް އެތަކެއް ދައުވާތަކެއްކޮށް ހުކުމްކޮށް އެކަން ފޮރުވައި ފަސްއަޅަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އިންސާފުވެރި ފުރިހަމަ ތަހުގީގެއް ކޮށްގެން ކަމުގެ ހަގީގަތް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެ ފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އެ ބަޔާނުގައި ޒިޔަތު ވަނީ ވިދާޅުވެފަ އެވެ.