އަލީ ޔާމިން
ށ. ނަރުދޫއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެރަށުން މިއަދު ޕޮޒިޓިވްވީ 20 އަހަރުގެ އަންހެނެކެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވިކަން އެނގިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ނަރުދޫން 11 މީހުން ކޮވިޑަށް ޕޮޒިޓިވްވުމުން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަންނަނީ ބާރަށް ކުރަމުންނެވެ. އެގޮތުން އެރަށުގެ ގިނަ ގެތައް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި އެތައް ބައެއް ވަނީ އައިސޮލޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި އެރަށުގެ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއި، ދެ ނަރުހުންވެސް ހިމެނެއެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ އެރަަށަށް އިތުރު ޑޮކްޓަރަކާއި ދެ ނަރުހުން ފޮނުވައިފައެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކުމުގައި އެއްވެސް ދައްޗެއް ނޫޅޭ ކަމަށް އެރަށުގެ ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެރަށުގެ ހޮސްޕިޓަލަށް ބޭނުންވާ ވަރަށް، ސެނެޓައިޒާ އާއި އެނޫންވެސް ޕީޕީއީ އެބަހުރި ކަމަށްވެސް ހެލްތު ސެންޓަރުން ބުނެއެވެ.
ނަރުދޫގެ ކްލަސްޓާއާ ގުޅިގެން އެރަށުން ޖުމްލަ 51 ސާމްޕަލް ނަގައިފައިވާއިރު 28 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދިވެސް ނުލިބި އެބައޮތެވެ.
ނަރުދޫން މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެރަށަށް މާލެއިން ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި އާއި އޭނާގެ އަންހެނުންނާއި އެ ދެމެފިރިންގެ ތިން ދަރީންނާއި، ކައްޕިއާ އެއް ގެއެއްގައި އުޅޭ އަންހެނަކާއި ބޯޓުގައި މަސައްކަތްކުރާ ދެ ފަޅުވެރިންގެ އިތުރުން އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ.
ނަރުދޫން ޕޮޒިޓިވްވި ގިނަ މީހުން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީގައި) މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކު ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ނ، ށ އަދި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.