ކުއްލި ޚަބަރު

އިތުރު ފަސް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 519 އަށް އަރައިފި

އިތުރު ފަސް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 519 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

އިތުރު ފަސް މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 38 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތް މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕާލުގެ މީހެއްގެ އިތުރުން ސްރީލަންކާގެ މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައިން ހިމެނެނީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 265 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 178 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހަކާއި ސްރީލަންކާގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 519 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.