އިތުރު 23 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 514 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ނޭޕާލުގެ މީހެއް ކަމަށެވެ.
އިތުރު 23 މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 33 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތް މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕާލުގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައިން ހިމެނެނީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 265 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 174 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހަކާއި ސްރީލަންކާގެ ދެ މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 514 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.