ދުނިޔެ

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ މަގާމުން ދުރުކުރަނީ

މުހައްމަދު އައުޒަމް

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ މަގާމުން ދުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޖޯން ކެލީ މަގާމުން ދުރުކުރާނެ ކަމަށެވެ.

ޓްރަމްޕް ވަނީ ކެލީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި އަދި ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީގެ މަގާމުގައި ދެއަހަރުގެ މުއްދަތުގައި ކުރެއްވި ހިދުމަތަށް ޝުކުރު ދަންނަވައިފައެވެ.

ކެލީ އާއި ޓްރަމްޕްގެ ގުޅުން ހީނަރުވެފައިވާ ކަމަށް ރިޕޯޓުތްކުން ބުނާއިރު ޓްރަމްޕްގެ ފަރާތުން ފާއިތުވެދިޔަ ދުވަސްތަކުގައި ކެލީ ވާހަކަދައްކަވައިފައެއް ވެސް ނުވެއެވެ.

ކެލީގެ މަގާމް ފުރުއްވާނެ ކަމަށް ދެން ބެލެވެނީ އެމެރިކާގެ ނައިބު ރައީސްގެ ޗީފް އޮފް ސްޓާފް ނިކް އަޔަރސް ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް ޓްރަމްޕްގެ ވާހަކައިގައި އެމަގާމަށް ދެން ގެންނާނެ ފަރާތެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް ނިކް އަޔަރސް އާއި ޓްރަމްޕް ވާހަކަ ދައްކަވާފައިވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކާ ހަވަލާދީ ސީއެންއެން އިން ބުނެއެވެ.