ކޮވިޑް 19

ކޮވިޑު ޖެހިގެން ދަރުމަވަންތައިގެ އައިސީޔޫގައި ފަރުވާދެމުން އައި މީހަކު ވޯޑަށް ބަދަލުކޮށްފި

އައިދާ އަބްދުލް ހަކީމް

ކޮވިޑަށް ޕޮޒިޓިވްވި ފަހުން ހާލު ދެރަވަގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އައި މީހަކު ވޯޑަށް ބަދަލުކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮވިޑް ޖެހިފައިވާ ހަ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އައި ކަމަށާއި އަދި އޭގެތެރެއިން އެކަކު ތަންކޮޅެއް ރަނގަޅުވުމާ ގުޅިގެން މިހާރު ޑީއެޗް 17 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހަ ބަލި މީހަކަށް ފަރުވާ ދެމުން ދިޔައިން. އޭގެ ތެރެއިން އެކަކު މިހާރު ތަންކޮޅެއް ރަނގަޅުވުމާ ގުޅިގެން މިހާރު ޑީއެޗް 17 އަށް ބަދަލުކޮށްފަ. އެބަލި މީހާގެ ހަމައެކަނި މައްސަލައަކަށް ހަމައެކަނި މިހާރު ހުރި މައްސަލައަކީ ލިވާގެ މައްސަލައެއް. އެކަން ފިޔަވައި އެހެން މައްސަލައެއް ނެތް. އަދި އެއް ސާމްޕަލް ނެގެޓިވް ވެއްޖެ. އަދި ދެވަނަ ސާމްޕަލްގެ ރިޕޯޓް އަދި އަޅުގަނޑަކަށް ނުލިބޭ." ޑރ. އިސްމާއިލް ވިދާޅުވިއެވެ.

އެގޮތުން މިހާރު ފަރުވާދެމުން އަންނަ ފަސް މީހުންގެ ތެރެއިން ދެމީހެއްގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް ދެން ތިބި މީހުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑރ. އިސްމާއިލް ވިދާޅުވިއެވެ.

"ދެން މިއޮތީ 88 އަހަރުގެ ފިރިހެނެއް. އޭނަ އެޑްމިޓް ކުރިތާ މިހާރު މިވީ ތިންވަނަ ދުވަސް. އެމީހާގެ ހާލަތު އަދި އެހާ ރަނގަޅެއް ނޫން. އަދި އެހެން ސިއްހީ މައްސަލަތައްވެސް އެމީހާގެ ހުރުމާއެކު އިތުރަށް ގޯސްވުމުގެ ފުރުސަތުވެސް އެބައޮތް. ނަމަވެސް އުންމީދު ކުރަނީ ކުރިއެރުން ލިބޭނެ ކަމަށް." ޑރ. އިސްމާއިލް ވިދާޅުވިއެވެ.

ޑރ. އިސްމާއިލް ވިދާޅުވީ ހާލު އެހާ ރަނގަޅު ނޫން ދެވަނަ މީހާ އަކީ އުމުރުން 80 އަހަރުގެ މީހެއް ކަމަށާއި އެމީހާގެ އެކިއެކި ސިއްހީ މައްސަލަތައް ހުރި ކަމަށެވެ.

އޭނާ އެޑްމިޓް ކުރުމަށްފަހު ބެކްޓީރިއަލް ނިއުމޯނިޔާ ޖެހުމުގެ ސަބަބުން އަދި އެމީހާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް އޮކްސިޖަން ބޭނުންވާ ވަރު މަތި ނުވާކަމަށް ޑރ އިސްމާއިލް ވިދާޅުވިއެވެ. އަދި ބެކްޓީރިއަލް ނިއުމޯނިޔާއަށް ބޭސްދެވެން ފެށުމުން ހާލު ރަނގަޅުވަމުންދާނެކަމަށް އުއްމީދު ކުރާ ކަމަށް ޑރ އިސްމާއިލް ވިދާޅުވިއެވެ.

ޑރ އިސްމާއިލް ވިދާޅުވީ މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ފަސް މީހުންގެ ތެރެއިން އޮކްސިޖަން ގުޅައިގެން ފަރުވާ ދެމުން އަންނަނީ ދެ މީހަކަށް ކަމަށެވެ.