ކޮވިޑުގެ ނުރައްކަލަށް ހުށަހެޅިފައިވާ އަދި ހުށަހެޅިދާނެ ކަމަށް ބެލެވޭ ހުރިހާ ބިދޭސީން ކަރަންޓީނުކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީއާއި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ގާނޫނު ނަންބަރު 7/2012 "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ 12 ވަނަ މާއްދާގެ (ނ)ގެ ހަތަރުވަނަ ނަންބަރުގެ ދަށުން މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ގިނަ ބާރުތަކެއް ލިބެއެވެ.
ޑިރެކްޓާ ޖެނެރަލް މައިމޫނާ ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ބިދޭސީ މަސައްކަތްތެރީން ކަރަންޓީނުކުރާނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ.
ކަރަންޓީނުކުރާނެ ފުރަތަމަ ހާލަތަކީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް، ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނެތްނަމައެވެ. އެފަދަ މީހުން އެކަހެރިކޮށް މޮނީޓަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަކަމަށް ޑިރެކްޓާ ޖެނެރަލް ވިދާޅުވެފައި ވެއެވެ.
މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭމުންދާ ބައެއް ކުއާޓަރުތައް ފުލުހުން މޮނީޓަރުކުރަމުން އަންނަ އިރު، އެތަންތަނުގައި އުޅޭ މީހުންވެސް ކަރަންޓީނުކުރަން ޑިރެކްޓާ ޖެނެރަލް ވަނީ އަންގަވައިފައެވެ. ސަބަބަކީ އެތަންތަނުގައި ދިރިއުޅޭ ގިނަ ބިދޭސީ މަސައްކަތްތެރީންނަކީ ބައްޔަށް ޕޮޒިޓިވް ގިނަ ބަޔަކާ ގުޅުންހުރި ބަޔަކަށް ވާތީއެވެ.
ބިދޭސީން ދިރިއުޅޭ 23 ތަނެއް ފުލުހުން މިހާރު އަންނަނީ ބަލަހައްޓަމުންނެެވެ. އެއީ ޖާގައިގެ ގޮތުން ވަރަށް ކުދިކުދި އަދި ވަރަށް ގިނަ ބިދޭސީންތަކެއް ތޮއްޖެހިގެން އުޅޭ، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެފަދަ ދެ ތަނަކުން 95 ބިދޭސީއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ބިދޭސީން ކަރަންޓީނުކުރެވޭ ތިންވަނަ ހާލަތަކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާގޮތުން އަދި ނުސީދާ ގޮތުން ދިމާވެފައިވާ ނަމައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބަޔާންކޮށްފައިވާ ހާލަތްތަކަށް ނުފެތޭ ނަމަވެސް ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކުރުމަށް ޕަބްލިކް ހެލްތު ޑީޖީ ވަނީ އަންގަވައިފައެވެ.
މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިިރު އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. އެހެންކަމުން މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.