އައިޖީއެމްއެޗް

ސިއްހީ އެހީތެރީންގެ ފުށުން ބަލި ޖެހިދާނެތީ އެމީހުންނާ މެދު އިހާނެތިކޮށް އަމަލުކުރާތަން އެބައާދޭ: އައިޖީއެމްއެޗް

ސިއްހީ އެހީތެރީންގެ ފުށުން ބަލި ޖެހިދާނެ ކަމަށް ބުނެ އެމީހުންނާ މެދު އިހާނެތިކޮށް އަމަލުކުރާކަން ފާހަގަވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑރ މުހައްމަދު އިސްމާއިލް ވިދާޅުވީ ސިއްހީ އެހީތެރީންގެ ފުށުން ބަލި ޖެހިދާނެތީ އެމީހުން ތިބޭތަންތަނުން ނެރެ އިހާނެތިކޮށް ހިތަމުންދާކަމަށެވެ. ނަމަވެސް އެމީހުންނަކީ ބަލިޖެހުމުގެ ރިސްކު ކުޑަ ބައެއްކަމަށްވެސް ޑރ އިސްމާއިލް ވިދާޅުވިއެވެ.

"އާންމުކޮށް މިސާލަކަށް ބަލިމީހާ ކައިރިޔަށް ހިނގައްޖެ އޭ. އެހެންވީމަ އޭނަދެކެ ބިރުން އޭނަ ގެއިން ނެރެ ކަން ކަން އެބަކުރޭ. ބައެއް ގައުމުތަކުގައި ވެސް އެބަހުރި އެހެން ދިމާވެފަ. ރާއްޖޭގައި ވެސް އެބަހުރި އެހެން ދިމާވެފައި. ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކަށް ވާތީ ނުވަތަ އެހެން ސްޓާފަކަށް ވާތީ އެކަމަޑޭޝަނުން ނެރެފަ. އެއީ އެމީހާގެ ފަރާތުން ރިސްކަކަށް ވެދާނެތީ." ޑރ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ޑރ މުހައްމަދު އިސްމާއީލް ވިދާޅުވީ މިފަދަ ބަލި މީހުންނަށް ފަރުވާދޭން ކޮންމެ މުވައްޒަފަކުވެސް އެޑެންޑް ކުރާނީ ފުލް ޕީޕީއީ އަޅައިގެން ކަމަށެވެ. އެހެންކަމުން އެމީހުން ވެގެންދަނީ ބަލި ޖެހުމުގެ ފުރުސަތު ކުޑަ ބަޔަކަށެވެ. ނަމަވެސް ޕީޕީ އެޅުމަށްފަހު އޮންނަ އުސޫލާ ހިލާފަށް ކަމެއް ކޮށްފިނަމަ ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށާއި ބައެއްފަހަރު އެފަދަ ގޮތަކަށް ކަންކަން ދިމާވެފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އޮންނަ ޕްރޮޓޮކޯލް ފޮލޯ ކޮށްފިނަމަ ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ޑރ މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މީގެއިތުރުން ޑރ މުހައްމަދު އިސްމާއިލް ވިދާޅުވީ ފުލް ޕީޕީ އަޅައިގެން ބަލި މީހާއަށް އެޑެންޑް ކުރުމަށްފަހު ވަރަށްގިނަ މަރުހަލާތައް ކަޑައްތު ކުރާކަމަށެވެ. އެގޮތުން ހިދުމަތް ދިނުމަށްފަހު ހޮސްޕިޓަލުން ފެންވަރައި އަދި ލައިގެން ހުންނަ އެއްޗެހި ބަދަލުކޮށްގެން ނޫން ގޮތަކަށް އެއްވެސް މުވައްޒަފަކަށް ހޮސްޕިޓަލުން ނުނިކުމެވޭ ކަމަށެވެ.

އެކަން އެގޮތަށް ކުރަނީ އެތަނުގެ ތެރެއިން އެއްވެސް ވަރަކަށް ޖަރާސީމު ބޭރު ވިޔަ ނުދިނުމަށް ކަމަށާއި އެހެން ކަމުން އޮންނަ އުސޫލުން ކަން ކަން ކުރަމުންދާނަމަ އެހެން މީހަކަށް އަދި އެމުވައްޒަފަށް ވެސް ބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށް ޑރ އިސްމާއިލް ވިދާޅުވިއެވެ. އެހެންކަމުން މުވައްޒަފުންނާއި ދޭތެރޭ އެފަދަ ބިރުވެރިކަމެއް ބޭއްވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޑރ މުހައްމދު އިސްމާއިލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ނިންމާފައިވާ ގޮތް ހާމަކުރަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އެހެން މީހުންނާ އެކު އުޅުމަށް ޖެހިލުންވާ އަދި އުނދަގޫތައް ހުރި މުވައްޒަފުންނަށް އެހޮސްޕިޓަލުން އެކަމަޑޭޝަން ހޯދައިދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަމަޑޭޝަން ހަމަޖެއްސުމަށް ގެސްޓް ހައުސްތަކާއި ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ޑރ. ނަޒީމް ވިދާޅުވިއެވެ.

ނަމަވެސް އެއްފަހަރާ ގިނަ ޖާގަ ލިބިފައި ނެތް ކަމަށާއި އެހެން ނަމަވެސް މިހާރުވެސް ތަންތަން ނަގަމުން މުވައްޒަފުންނަށް އެތަންތަން ހަމަޖައްސަމުން ގެންދާކަމަށް ވިދާޅުވިއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އެކަމަޑޭޝަން ދީފައިވާ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. އެގޮތުން 41 އެނދުގެ އެކަމަޑޭޝަން ހަމަޖެހިފައިވާ ކަމަށާއި އަދި މިއަދު 17 ބެޑް ހަމަޖެހިގެންދާނެ ކަމަށް ވެސް ޑރ. ނަޒީމް ވިދާޅުވިއެވެ