ކުއްލި ޚަބަރު

ނަރުދޫން އިތުރު ދެމީހަކު ޕޮޒިޓިވްވެ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަށް

އަލީ ޔާމިން

ށ. ނަރުދޫން ކޮވިޑް 19އަށް އިތުރު ދެމީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިއާއެކު ނަރުދޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރައިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުން މިރޭ އެރަށުން ޕޮޒިޓިވްވެފައިވަނީ އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ އަންހެން މީހާއަކީ މީގެ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނެވެ.

ނަރުދޫން މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެރަށަށް މާލެއިން ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި އާއި އޭނާގެ އަންހެނުންނާއި އެ ދެމެފިރިންގެ ތިން ދަރީންނާއި، ކައްޕިއާ އެއް ގެއެއްގައި އުޅޭ އަންހެނަކާއި ބޯޓުގައި މަސައްކަތްކުރާ ދެ ފަޅުވެރިއެކެވެ. އެ ދެ ފަޅުވެރިންނަކީވެސް ކައްޕިއާ އާއިލީ ގޮތުން ގުޅިފައިވާ ދެމީހުންނެވެ.

ނަރުދޫން މީގެ ކުރިން ޕޮޒިޓިވްވި މީހުން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

އެންއީއޯސީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކު ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ނ، ށ އަދި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.