ކުއްލި ޚަބަރު

އިތުރު ދިހަ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 491 އަށް އަރައިފި

އިތުރު ދިހަ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 491 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވި ދިހަ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހަކާއި އިންޑިއާގެ ދެ މީހެއް ކަމަށެވެ.

އެންމެ ފަހުން ޕޮޒިޓިވްވި ދިހަ މީހުންގެ ތެރޭގައި 87 އަހަރުގެ އަންހެނެއް ހިމެނެއެވެ. އޭނާ ވެގެންގޮސްފައިވަނީ މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާއަށެވެ.

އޭނާގެ އިތުރުން ދެން ޕޮޒިޓިވްވީ ދިވެހިންގެ ތެރޭގައި ހިމެނެނީ 40 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 26 އަހަރުގެ ފިރިހެނެކާއި 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މިރޭ ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ 29 އަހަރުގެ ބަންގުލަދޭޝް މީހަކާއި 44 އަހަރުގެ އިންޑިއާ މީހަކާއި 32 އަހަރުގެ އިންޑިއާގެ މީހަކާއި 27 އަހަރުގެ ބަންގުލަދޭޝް މީހެއްގެ އިތުރުން 35 އަހަރުގެ ބަންގުލަދޭޝް މީހެކެވެ.

އިތުރު ދިހަ މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 95 އަށް ވަނީ އަރައިފައެވެ. އޭގެ ތެރެއިން 81 މީހުންނަކީ ބަންގުލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 491 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.