ދުނިޔެ

ސްޓެމް ސެލް ބޭނުންކޮށްގެން ކޮވިޑަށް ފަރުވާއެއް ހޯދިފައިވާ ކަމަށް ޔޫއޭއީގެ ޑޮކްޓަރުން އިއުލާންކޮށްފި

ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އަށް ފަރުވާއެއް ހޯދިފައިވާ ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑޮކްޓަރުންނާއި ދިރާސާވެރިން އިއުލާންކޮށްފިއެވެ.

އަބޫ ދާބީ ސްޓެމް ސެލް ސެންޓަރު (އޭޑީއެސްސީސީ)ގެ ޑޮކްޓަރުންނާއި ދިރާސާވެރިން ހޯދި އެފަރުވާ ދެނީ ބަލިމީހާގެ ލެއިން ސްޓެމް ސެލް ނެގުމަށްފަހު، އެ ސެލް އެކްޓިވޭޓް ކުރުމަށްފަހު އަލުން ހަށިގަނޑަށް ފޮނުވައިގެންނެވެ. އެކްޓިވޭޓްކުރާ ސްޓެމް ސެލްތައް ފުއްޕާމެޔަށް ފޮނުވާލަނީ އާވީގެ ގޮތުގައި ނެބުލައިޒްކޮށްގެންނެވެ.

ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި، މިފަރުވާގެ ސަބަބުން ކޮވިޑުން ފަސޭހަކޮށްދެނީ ފުއްޕާމޭގެ ސެލްތައް އަލުން ހެދެން ފެށުމުންނެވެ. އަދި ފަރުވާއިން ކޮވިޑަށް ހަށިގަނޑުގެ ދިފާއީ ނިޒާމު އޯވާރިއެކްޓްކޮށް، ސިއްހަތު ރަނގަޅު ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭ ކަމަށް ދިރާސާވެރިން ބުނެއެވެ.

މި ފަރުވާގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު ފަރުވާ ދިން ކޮވިޑަށް ޕޮޒިޓިވްވި 73 މީހުން ވެސް ކާމިޔާބުކަމާއެކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި ފަރުވާ ދިން އެއްވެސް މީހެއްގެ ކިބައިން ސިއްހީ ބޮޑު މައްސަލައެއް އަދި ނުފެންނަ ކަމަށް ދިރާސާވެރިން ބުނެއެވެ.

ޔޫއޭއީން ބުނީ، ކޮވިޑް 19ގެ ބަލި މީހުންނާ މެދު މިހާރު އަމަލުކުރާ އާންމު ޕްރޮޓޮކޯލްއާ މި ފަރުވާއާ ތައާރުޒުނުވާނެ ކަމަށެވެ. އަދި ފަރުވާގެ ޔަގީންކަން ކަށަވަރުކުރުމަށް މިހާރު ޓްރަޔަލްތަކެއް ކުރިއަށްދާއިރު އެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށެވެ.