ކުއްލި ޚަބަރު

އަލާމާތެއް ނުފެނި އާބާދީގެ ގިނަ ބަޔަކަށް ކޮވިޑު ޖެހޭ ނަމަ ބަލިން އަރައިގަންނަން ފަސޭހަވާނެ: ޑރ. އަފްޒަލް

އަލާމާތެއް ނުފެނި އާބާދީގެ ގިނަ ބަޔަކަށް ކޮވިޑު ޖެހޭ ނަމަ ބަލިން އަރައިގަންނަން ފަސޭހަވާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ބަލީގެ އަލާމާތްތައް ނެތި ބަލި ފެތުރުން (އެސިމްޓޮމެޓިކް ޓްރާންސިޝަން)ގެ ދެކޮޅު އެބަ އޮތް ކަމަށެވެ.

އެއްގޮތަކަށް ބަލާއިރު ބަލީގެ އަލާމާތްތައް ނެތި ބަލި ފެތުރުން އެއީ ރަނގަޅު ކަމެއް ކަމަށާއި އެއީ ވެކްސިނެއް ހޯދިފައި ނެތް ބައްޔަކުން އަރައިގަނެވޭނީ އާބާދީގެ ގިނަ ބަޔަކަށް އެބަލި ޖެހި، އެ އިމިއުނިޓީ ލިބިގެން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"މިކަހަލަ ބައްޔަކުން އަޅުގަނޑުމެންނަށް އަރައިގަނެވެން އޮންނަނީ އާބާދީގެ ގިނަ ބަޔަކަށް އެ އިމިއުނިޓީ ލިބިގެން. އެހެންކަމަށްވާތީ އާބާދީގެ ގިނަ ބަޔަކަށް އެއްވެސް ކަހަލަ އަލާމާތެއް ނުފެނި ބަލި ފެތުރޭކަމަށްވާނަމަ އެއްގޮތަކުން ބަލައިފިނަމަ އެއީ ހުރި ރަނގަޅުކަމެއް. އެއީ އެހެންނޫނީ ބަލީގެ އަލާމާތްތައް ފެނިގެން އެއިން ކޮންމެ މީހަކު ސީރިއަސް ފައްތަރަށްދާ މީހުން ގިނަވެއްޖެއްޔާ ވަރަށް އުދަނގޫ ކަމަކަށްވެފައި އޮންނާނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަލީގެ އަލާމާތްތައް ނެތި ބަލި ފެތުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އޭރުން އެކަހަލަ މީހުން ހޯދޭނީ ވަކި މީހަކު އެނގިގެން ގޮސް ސާމްޕަލް ނަގާ ސިސްޓަމަކުންނާއި އެކްޓިވް ސަވަޔަލަންސް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް ކުރަމުން އަންނަ މަސައްކަތަކީ އެއީ ކަމަށާއި މާލޭގެ އިތުރުން ރަށްރަށުގައި ވެސް އެކްޓިވް ސަވަޔަލަންސް ކުރިއަށް ގެންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނަމަވެސް އެކަން ކުރަންޖެހޭނީ ބަލި ފެތުރެމުންދާ ރަށަކަށް ނުވަތަ ބަލީގެ ކޭސްއެއް ފެނިފައިވާ ރަށްތަކާއި ހައި ރިސްކު ގުރޫޕަށް ނިސްބަތްވާ މީހުން ގިނަ ރަށްތަކަށް އިސްކަންދީގެން ކަމަށް ވިދާޅުވިއެވެ.