ކުއްލި ޚަބަރު

މަނަދޫ މީހާ ޕޮޒިޓިވްވިކަން އެނގުނީ އައިޖީއެމްއެޗަށް ދައްކާފައި ގޮސް ގެސްޓުހައުސެއްގައި ހުއްޓައި: ޑރ. އަފްޒަލް

އަލީ ޔާމިން

ނ. މަނަދޫ މީހާ ޕޮޒިޓިވްވިކަން އެނގުނީ އައިޖީއެމްއެޗަށް ދައްކާފައި ގޮސް ގެސްޓުހައުސެއްގައި ހުއްޓައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އެމީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލި ފަހުން ކަމަށާއި، އެހެންކަމުން އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.

މަނަދޫން ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. ޑރ. އަފްޒަލް ވިދާޅުވީ، އެ އަންހެން މީހާގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި، އޭނާ އަކީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އައި މީހެއް ކަމަށެވެ.

ނަމަވެސް އާންމު އުސޫލުގެ ދަށުން ހޮސްޕިޓަލުން އޭނާގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ ފަރުވާއަށްފަހު އޭނާ ގެސްޓް ހައުސްއަށް ދިޔަ ފަހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އެ މީހާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ނުކުމެގެން ގެސްޓުހައުސްއެއްގައި ހުއްޓައި ހަގީގަތުގައި އޭނާގެ ނަތީޖާ އައީ. ސާމްޕަލް ނަތީޖާ އައިިއިރު ޕޮޒިޓިވް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެ އަންހެން މީހާ ޕޮޒިޓިވްވުމާ ގުޅިގެން މާލެއާއި މަނަދޫގައި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. "ވަން"އަށް އެނގިފައިވާ ގޮތުގައި އެމީހާއާ ޕޮޒިޓިވްވުމާއި ގުޅިގެން މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ 20 އަށްވުރެ ގިނަ މުވައްޒިފުން ހިމެނޭހެން އެރަށުން ވަނީ މިހާރުވެސް ގިނަ ބަޔަކު އެކަހެރިކުރެވިފައެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރޭގައި ހއ. ތަކަންދޫ ތިން މީހަކު ހިމެނޭތީ އެ ރަށްވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުގައި ދަތުރުކުރި ބައެކެވެ. އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.