ކުއްލި ޚަބަރު

ކޮވިޑުގެ އަލާމާތަށް އަނެއްކާވެސް ތަފާތެއް: 41 ޕަސެންޓު މީހުންގެ އެއްވެސް އަލާމާތެއް ނުފެނޭ: ޑރ. އަފްޒަލް

އަލީ ޔާމިން

ކޮވިޑު 19އަށް ޕޮޒިޓިވްވާ 41 ޕަސެންޓު މީހުންގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ އުމުރުން 12 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެމީހުންގެ ތެރެއިން 41 އިންސައްތަ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އެހެންކަމުން ބަލި ޖެހޭ ގިނަ މީހުންނަށް ބަލި ޖެހެނީ ވަރަށް ކުޑަކޮށް ކަމަށެވެ.

"އޭ ސިމްޕްޓަމެޓިކް އަދި ސިމްޕްޓަމެޓިކް. ހަގީގަތުގައި އެ އަދަދުވެސް މިވަނީ އަޕްޑޭޓްވެފައި. އެގޮތުން ބަލާއިރު ހަގީގަތުގައި މިއުޅެނީ އޭ ސިމްޕްޓަމެޓިކް އަދި ސިޕްމްޓަމެޓިކްގެ އަދަދު ހަމަ އެއްވަރަކަށް. އެއީ 41 ޕަސަންޓް މީހުން އެއީ އޭ ސިމްޕްޓަމެޓިކް އަދި ސިމްޕްޓަމެޓިން މީހުން އެއީ 59،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ބަލި ޖެހޭ މީހުން ބަލިން ރަނގަޅުވާއިރުވެސް ބަލީގެ އަލާމާތްތައް ގިނަ ފަހަރު ހަށިގަނޑުން ނުފެންނަ ކަމަށެވެ. ނަމަވެސް އެފަދަ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް 19 ޖެހޭ މީހުންގެ 80 އިންސައްތަ މީހުންގެ ފަރާތުން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެކެވެ. އަދި ބައެއް މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނެއެވެ. އެ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ބަލި ޖެހޭ މީހުންގެ 20 އިންސައްތަ މީހުންނެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 13 މީހުންނެވެ. އަދި މިހާތަނަށް ރާއްޖެއިން ވަނީ 480 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައެވެ.