ކޮވިޑް 19ގެ ފަރުވާތަކަށް ޓްރީޓޮޕް ހޮސްޕިޓާ ބޭނުންކުރަން ފަށަން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކޮވިޑް އޮޕަރޭޝަނުތަކަށް ސަރުކާރަށް ޓްރީޓޮޕް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ހޮސްޕިޓަލުގެ ބޯޑުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ފަރާތުން ސަރުކާރުން ކޮވިޑް 19އާ ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ބޭނުންކުރުމަށް ވަނީ ހުޅުވާލާފައި. އެބޭފުޅުން ސަރުކާރަށް މިތަން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ބޯޑު ރެސޮލިއުޝަނެއް ފާސްކުރައްވާފައިވޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ސަރުކާރާއި ޓްރީޓޮޕް ހޮސްޕިޓަލާ ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުން ބޭނުން ޖެހިއްޖެ ހިނދެއްގައި ޓްރީޓޮޕް ހޮސްޕިޓަލު ކޮވިޑް 19ގެ ފަރުވާދޭ ސެންޓަރަކަށް ބަދަލުކުރެވިދާނެ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހަށް އެ މަސައްކަތްތަކަށް އެ ހޮސްޕިޓަލު ބޭނުންކުރެވޭނެ ކަމަށެވެ.
ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް މިހާރު ވަނީ އެދިވަޑައިގެންފައި. އަދި މިކަމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން މިކަމާ ގުޅޭ އިންތިޒާމުތައް ދަނީ ރާއްވަވަމުން. އެބޭފުޅުން މާދަމާ މިކަމާ ގުޅިގެން އެނައުންސްމަންޓެއް ނެރުއްވާނެ. މިކަމާ ގުޅިގެން އެބޭފުޅުންގެ ހިދުމަތްތައް ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން. ޓްރީޓޮޕް ހޮސްޕިޓަލުގައި މިވަގުތު ތިއްބެވި ބަލި މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ބަދަލުކުރެވޭނެ. އަދި އިތުރު ހިދުމަތްތައް ދިނުމަށް ރޭވިފައިވާ އިންތިޒާމުތައް ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން ތިބޭފުޅުންނަށް ހާމަކުރައްވާނެ." އޭނާ ވިދާޅުވިއެވެ.