ކުއްލި ޚަބަރު

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުންނަށް ރަށަށް ދެވޭނެ އުސޫލެއް މާދަމާ އިއުލާނުކުރަނީ

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުންނަށް ރަށަށް ދެވޭނެ އުސޫލެއް މާދަމާ އިއުލާނުކުރުމަށް ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ އުސޫލުގެ ދަށުން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ރަށްރަށަށް ދެވޭނެ ކަމަށެވެ.

"ކުރު މުއްދަތަށް މާލެ ވަޑައިގެންނެވި ބޭފުޅުން މާލޭގައި ލޮކްޑައުންއާ ގުޅިގެން ތާށިވެފައި ތިބި މައްސަލައަކީ ތިޔަބޭފުޅުން ފާހަގަކުރައްވާ ބޮޑު މައްސަލައެއް. އެބޭފުޅުންނަށް މާލޭގައި ތިބުމުގެ ދަތިތައް ދިމާވާތީ. އެބޭފުޅުންނަށް އެބޭފުޅުންގެ ރަށްރަށަށް އަނބުރާ ދިއުމަށް އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުގެ ދަށުން ރަށްރަށަށް ދެވޭނެ އިންތިޒާމު ރާވައިދިނުމުގެ މަޝްވަރާތައް ކުރިއަށްދާ ވާހަކަ އަޅުގަނޑުމެން ތިބޭފުޅުންނަށް ރޭގެ ޕްރެސްގައި ދަންނަވާލިން. މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ފަރާތުން މާދަމާ އިއުލާނެއް ނެރުއްވާނެ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ އުސޫލުތަކަކީ ކޮބައިކަމާއި އަދި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތްތައް ބަޔާންކޮށް ޖެންޑާ މިނިސްޓްރީން އިއުލާނެއް ނެރޭނެ ކަމަށާއި އެކަން ކުރުމަށްޓަކައި މާލޭގައި ތާށިވެފައި ތިބި މީހުންގެ މައުލޫމާތު ޖެންޑާ މިނިސްޓްރީން އެއްކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖެ ލޮކްޑައުންކުރުމާ ގުޅިގެން މާލެއިން ރަށްރަށަށް އަދި ރަށްރަށުން މާލެއަށް ދާން ބޭނުންވާ މީހުން ރަޖިސްޓަރީވުމަށް ކައުންސިލު އިދާރާތަކުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. ކައުންސިލުތަކުން މިހާރު އަންނަނީ އެ މައުލޫމާތުތައް އެއްކުރަމުންނެވެ.