އިތުރު ދެ ދިވެއްސަކާއި ހަތަރު ބިދޭސީއަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 481 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިތުރަށް ޕޮޒިޓިވްވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބަންގުލަދޭޝްގެ ހަތަރު މީހެއް ކަމަށެވެ.
ޕޮޒިޓިވްވި ދިވެހިންގެ ތެރޭގައި މަނަދޫން ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެނަކު ހިމެނެއެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ބަލިކޮށް އުޅޭތީ ނ. އަތޮޅު ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހު އެޑްމިޓްކޮށްފައިވާ މީހެކެވެ. އަދި އޭނާގެ ހާލަތު ރަނގަޅު ނުވާތީ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިއަދުގެ ވަގުތެއްގައި އެ އަންހެން މީހާ ޑިސްޗާޖުކޮށްފައިވާ އިރު، ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޑިސްޗާޖުކުރުމުގެ ކުރިން ނެގި ސާމްޕަލްގެ ނަތީޖާއިން މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި އަންހެން މީހާއަކީ މީދެ ދެމަހެއްހާ ދުވަސްކުރިން މާލެއަށް ފައިގެ އޮޕަރޭޝެއް ކުރަން އައިސް އުޅުނު މީހެކެވެ. އަދި އޭނާއަކީ މީގެ ކުރިން ގޮހޮރުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ މީހެކެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ބައްޔަށް ޕޮޒިޓިވްވިއިރު ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އޭނާ ޕޮޒިޓިވްވުމާ ގުޅިގެން 30 އަށްވުރެ ގިނަ މީހުން އެކަހެރިކޮށް، މަނަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެކަހެރިކުރި މީހުންގެ ތެރޭގައި މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ 23 ސްޓާފުންވެސް ހިމެނެއެވެ.
އިތުރު ހަ މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85 އަށް އަރައިފައެވެ. އޭގެ ތެރެއިން 78 މީހުންނަކީ ބަންގުލަދޭޝަށް ނިސްބަތްވާ މީހުންނެވެ.
ޕޮޒިޓިވްވި 485 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.