އިތުރު ހަތް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 475 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގުލަދޭޝްގެ ދެ މީހެއް ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި ފަސް އަހަރުގެ އަންހެން ކުއްޖަކާއި ތިން އަންހެނުން ހިމެނެއެވެ.
އިތުރު ހަތް މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 79 އަށް އަރައިފައެވެ. އެމީހުންގެ ތެރެއިން ރޭ ދަންވަރު ޕޮޒިޓިވްވިކަން އެޗްޕީއޭ އިން ހާމަކުރި މީހުންގެ ތެރޭގައި 72 ބަންގުލަދޭޝް މީހުން ހިމެނެއެވެ.
ރާއްޖޭގައި ޕޮޒިޓިވްވި ދިވެހިންނަށް ވުރެ ބަންގުލަދޭޝް މީހުންގެ އަދަދު ގިނައެވެ. އެގޮތުން މިހާތަނަށް ބަންގުލަދޭޝްގެ 254 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 150 މީހެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ 49 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ ތިން މީހަކާއި ނޭޕާލުގެ ދެ މީހަކާއި ސްރީ ލަންކާގެ ދެ މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ހިމެނެއެވެ.
އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި އެ ތަންތަނުގައި 1085 މީހުން އުޅެމުންގެންދާ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 475 މީހުންގެ ތެރެއިން އުމުރުން 83 އަހަރުގެ ދިވެއްސަކު ވަނީ ނިޔާވެފައެވެ. އަދި އިތުރު ހަ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.