ދުނިޔެ

96 ދުވަސްތެރޭ އެޓްލާންޓިކް ކަނޑު ހުރަސްކޮށްފަ އައި އިރު މުޅި ދުނިޔެ އޮތީ ބިރުވެރިކަމެއްގައި

މުހައްމަދު އައުޒަމް

އިނގިރޭސި ވިލާތަށް އުފަން 72 އަހަރުގެ ގްރަހަމް ވޯލްޓަރ ދުނިޔޭގެ ރެކޯޑެއް މުގުރާލުމަށް 96 ދުވަސްތެރޭ ފަލިޖަހާފައި އެޓްލާންޓިކް ކަނޑު ހުރަސްކޮށްފަ އައި އިރު މުޅި ދުނިޔެ އޮތީ ނުރައްކާވެ ބިރުވެރި ހާލަތެއްގައެވެ.

ގްރަހަމްގެ ދަތުރު ނިމުމަށް ފަހު އެންބުރި އައުމުން އޭނާ އުއްމީދު ކުރީ ގިނަބަޔަކު ތަރުހީބު ދިނުމަށާއި މަރުހަބާ ކިޔުމަށް އެއްވާނެ ކަމަށެވެ. ނަމަވެސް އެންމެ ކުޑަމިނުން ސަލާން ކޮށްލާނެ މީހަކުވެސް ނުވިކަމަށް ގްރަހަމް ވަނީ ބުނެފައެވެ. އެންމެން ވަނީ ސަލާމް ކުރުމަށް އުޒުރުވެރިވެފައެވެ.

ސްޕެއިންގެ ގްރާން ކަނާރިއާ އިން ޖެނުއަރީ 25 ވަނަދުވަހު ދަތުރުފެށި ގްރަހަމް އެޓްލާންޓިކް ކަނޑު ހުރަސްކޮށް ބަނދަރުކޮށްފައި ވަނީ 96 ދުވަހުގެ ތެރޭގައެވެ. އޭނާ މިދަތުރު ފުރިހަމަ ކޮށްފައިވަނީ އެކަނިމާއެކަނި އެވެ.

ގްރަހަމް ވަނީ މި ދަތުރާއެކު ދުނިޔޭގެ ރިކޯޑު ފޮތުން ތިން ޖާގައެއް ހޯދާފައެވެ. ގްރަހަމް އަކީ އެޓްލާންޓިކް ކަނޑު ހުރަސްކުރި އެންމެ މުސްކުޅި މީހާގެ އިތުރުން އެކަނި، ފަލި ޖަހާފައި އެޓްލާންޓިކް ކަނޑު އެންމެ ގިނައިން ހުރަސް ކުރި މީހާއެވެ. އަދި މީގެ އިތުރުން ގްރަހަމް އަކީ އެކަނި، ފަލި ޖަހާފައި ދުނިޔޭގެ ކަނޑެއް ހުރަސް ކުރި އެންމެ މުސްކުޅި މީހާގެ ރެކޯޑުވެސް އޮންނަ މީހާއެވެ.

2015 ވަނަ އަހަރުވެސް ގްރަހަމް ވަނީ އެޓްލާންޓިކް ކަނޑު އޭނާގެ އުމުރުން 66 އަހަރުގައި ހުރަސްކޮށްފައެެވެ.

ގްރަހަމް ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއަށް ކޮރޯނާވައިރަސްގެ ހަބަރުތައް ފޯރުކޮށްދެނީ އޭނާގެ އަންހެނުން ކަމަށާއި މިބަލިމަޑުކަމަކީ މިހާ ބޮޑުކަމެއްކަމުގައި ހީނުކުރާކަމަށެވެ.

ދަތުރު ނިންމާލުމަށްފަހު ކެރީބިއަންގެ އެންޓިގުއާ އަށް ގްރަހަމް ލެފުމަށްފަހު އެރަށުގައި އަމަލުކުރަންޖެހިފައިވާ ގަވާއިދާ އެއްގޮތަށް ފުރަތަމަ ޖެހުނީ މާސްކް އަޅަންކަމަށް ސީއެންއެން އަށް ދިން އިންޓަވިއުގައު ގްރަހަމް ވަނީ ބުނެފައެވެ. އޭނާ މިހާރު އުއްމީދުކުރަނީ އެނބުރި އިނގިރޭސިވިލާތަށް ދެވޭއިރު ހުރިހާކަމެއްވެސް ހަމަޔަކަށް އެޅިގެން ދާނެކަމަށެވެ.