ކުއްލި ޚަބަރު

އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 468 އަށް

އިތުރު 72 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 468 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފަހުން ޕޮޒިޓިވްވެފައިވާ 72 މީހުންނަކީ ވެސް ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

އިތުރު 72 މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 167 އަށް އަރައިފައެވެ. އެމީހުންގެ ތެރެއިން 133 މީހުންނަކީ ބަންގުލަދޭޝް މީހުންނެވެ.

ރާއްޖޭގައި ޕޮޒިޓިވްވި ދިވެހިންނަށް ވުރެ ބަންގުލަދޭޝް މީހުންގެ އަދަދު ގިނައެވެ. އެގޮތުން މިހާތަނަށް ބަންގުލަދޭޝްގެ 252 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 145 މީހެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ 49 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ ތިން މީހަކާއި ނޭޕާލުގެ ދެ މީހަކާއި ސްރީ ލަންކާގެ ދެ މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ހިމެނެއެވެ.

މީގެ ކުރިން ޕޮޒިޓިވްވި 95 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ މީހުންނެވެ. އެތަނަކީ ފުލުހުން މޮނީޓާކުރަމުންދިޔަ ތަނެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ބުނެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި އެ ތަންތަނުގައި 1085 މީހުން އުޅެމުންގެންދާ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 468 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި އޭގެ ތެރެއިން އުމުރުން 83 އަހަރުގެ ދިވެއްސަކު ވަނީ މަރުވެފައެވެ.