ކުއްލި ޚަބަރު

ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރު ނެރެފި

އަލީ ޔާމިން

ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.

މިއީ މީހަކު ސާމްޕަލް ނުދީގެން ކޯޓު އަމުރު ނެރެން ޖެހުނު ފުރަތަމަ ފަހަރެވެ.

ސިވިލް ކޯޓުން މިރޭ ބުނީ ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގައި މިވަގުތު ހުރި މީހެއް ކަމަށާއި ކޯޓުން ނެރުނު އަމުރުގައި އެމީހާގެ ސާމްޕަލް ދިނުމަށް އަމުރުކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ސިވިލް ކޯޓުން ވަނީ ބައެއް މީހުން ކަރަންޓީނަށް ގެންދިއުމަށް އަމުރުކޮށްފައެވެ. އެގޮތުން ހަތަރު މީހެއްގެ މައްޗަށް އެ އަަމުރުކޮށްފައިވެއެވެ.

މާލެއިން ކޮވިޑަށް ޕޮޒިޓިވް ކޭސްތައް އިންތިހާއަށް ފެތުރެމުންދާއިރު ގިނަ ބަޔަކު ކަރަންޓީނަށް ކުރަން ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މިއަދު އެކަނި ވެސް މާލެއިން 107 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ބަލީގެ ހާލަތު ގޯސްވަމުންދާތީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސް ދުވަހަށް މިއަދު ވަނީ އިތުރުކޮށްފައެވެ.