ރަޝިއާގެ ބޮޑު ވަޒީރު މިކެއިލް މިސްހަސްޓިން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ބޮޑު ވަޒީރު މިކެއިލް ޕޮޒިޓިވްވިކަން އެންގެވީ ރައީސްް ވްލަޑްމިއާ ޕޫޓިންއާއެކު ބޭއްވެވި ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށެވެ. އެ ކޮންފަރެންސްގައި ވަނީ ޑެޕިއުޓީ ބޮޑު ވަޒީރު އެކްޓިން ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އަދި މިކެއިލް ސެލްފް އައިސޮލޭޓް ކުރައްވާކަން އިއުލާނު ކުރައްވާފައެވެ.
މިކެއިލް ވަނީ އިއްޔެވެސް ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އެގައުމުގައި އުފައްދާފައިވާ ސަރުކާރުގެ ކޯޑިނޭޓިން ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި މިކެއިލް ވަނީ އެގައުމުގެ ބޯޑަރުތައް ހުޅުވޭނެ ވަކި ތާރީހެއް އަންދާޒާ ކުރައްވަން އަދި ނޭނގޭ ކަމަށް ވިދާޅުވެފައެވެ.
ބޮޑު ވަޒީރު ޕޮޒިޓިވް ވި ނަމަވެސް ކޮންޓެކްޓްސް ތަކުގެ އިތުރު މައުލޫމާތާއި ގައުމުގެ ރައީސްއާ ބައްދަލު ކުރައްވާފައިވޭތޯ ފަދަ އިތުރު މައުލޫމާތެއް އަދި އާންމެއް ނުކުރެއެވެ.
ރަޝިއާގައި ކޮވިޑަށް ޕޮޒިޓިވް އެއްލައްކަ މީހުން ފެނިފައިވާއިރު މިއަދަކީ އެންމެ ގިނަ ބަޔަކު އެއްދުވަހުގެ މަތިން ފެނިފައިވާ ދުވަހެވެ. އެގޮތުން މިއަދު ވަނީ 7000 އަށްވުރެ ގިނަ މީހުން ފެނިފައެވެ. އެގައުމުގައި އެއްހާހަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައި ވެއެވެ.