ބަލި ފެތުރެމުން ދަނީ ލަފާކުރިގޮތަށް ކަމަށާއި އެހެންވީމަ މިވަގުތު ރާއްޖޭގެ ކޮވިޑުގެ ހާލަތު މިއޮތީ ކޮންޓްރޯލުގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިހާރުގެ ހާލަތަކީ ސިއްހީ އިދާރާތަކުންނާއި ޑޮކްޓަރުން އަންދާޒާ ކުރި ހާލަތެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް މިހާރު ފެންނަ ކުލަސްޓާތަކަށް ބަލާއިރު ބަލިޖެހިފައިވާ އިތުރު ބަޔަކު ފެންނާނެ ކަމަށް ލަފާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޯލްރެޑީ އައިޑެންޓިފައި ކޮށްފައިހުރި ކުލަސްޓާތަކެއްގެ ތެރެއިން އިތުރު ކޭސް ފެނުމަކީ އަޅުގަނޑުމެން އެކްސްޕެކްޓު ވެސް ކުރާ ކަމެއް. އަދި އެކަމަށްޓަކާ މޮނީޓާވެސް ކުރަމުން އަންނަ ކަމެއް. މިހާރުގެ ހާލަތަކީ އަންޑަ ކޮންޓްރޯލްގައި އޮތް ކަމެއް. މިހާރު އަދި މިވަގުތު އަޅުގަނޑުމެންގެ ސިޝުއޭޝަންއަކީ ވިތިން ލިމިޓްސް ހަމަ އަންޑަ ކޮންޓްރޯލްގައި އޮތް ކަމެކޭ،" ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، މިހާތަނަށް ހޯދިފައިވާ ކުލަސްޓާތަކުގެ ބޭރުން، އެ ކުލަސްޓާތަކާ އެއްވެސް ގުޅުމެއް ނެތް ގިނަ އަދަދެއް މީހުން އެކި ދިމާލުން ފެންނަމުން ދިއުމަކީ ކޮންޓްރޯލްނުވެ ބަލި ފެތުރުން ކަމަށެވެ.
ޑޮކްޓަރު އެހެން ވިދާޅުވިއިރު މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 މީހުންނަކީ ވެސް އެއްތަނެއްގައި އުޅޭ މީހުން ކަމަށް ކޮވިޑްގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވަނީ ވިދާޅުވެފައެވެ. އެއީ ކޮވިޑް ވިލެޖްއާ ގުޅުންހުރި ކުލަސްޓާއެވެ. އެ 95 މީހުންގެ ތެރޭގައި ހިމެނެނީ 61 ބަންގުލަދޭޝް މީހުންނާއި 32 އިންޑިއާ މީހުންގެ އިތުރުން ނޭޕާލް ދެ މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑް ޖެހިފައިވާ 396 މީހަކު މިހާތަނަށް ފެނިފައިވާއިރު އެބަލީގައި އެކަކު ވަނީ މަރުވެފައެވެ. އަދި 17 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.