މިވަގުތު މި ތިބީ ޓްރީޓޮޕް ހޮސްޕިޓާވެސް އެކްޓިވޭޓް ކުރަން ޖެހޭ ހާލަތުގައި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މިހާލަތުގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ބޭނުން ވަގުތެއްގައި ސަރުކާރަށް ދޭ ގޮތަށް މީގެ ކުރިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެތަނަށް ހަރަދު ކުރަން ޖެހޭނީ އެތަނުގައި މަސައްކަތް ކުރަން ބޭނުންވާނެ އިތުރު މީހުންނާއި، ބޭސް ފަދަ ތަކެއްޗަށްކަން މަބްރޫކު ފާހަގަކުރެއްވިއެވެ.
މަބްރޫކު ވިދާޅުވީ މިކަމުގައި ޓްރީޓޮޕުން ވަނީ އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެހެން ތަނަކަށް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިފައި ކަމަށެވެ. އަދި އައިޖީއެމްއެޗް ތެރޭގައި އެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މިހާރު މިތިބީ ގާތްގަނޑަކަށް ޓްރީޓޮޕް އެކްޓިވޭޓް ކުރަން ޖެހޭ ހާލަތުގައި ކަމަށާއި މާ ގިނަ ދުވަސްތަކެއް ނުވެ އެކަން ކުރާނެ ކަމަށް ބެލެވޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ވަނީ 107 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އަދި މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ވަނީ 396 އަށް އަރައިފައެވެ.